ބްރޯޑްކޮމް އަށް ޒީނާ ޢައްޔަންކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި

އަައިޝަތު ޒީނާ | 11 ގަޑިއިރު ކުރިން - 12 މޭ 2025 00:05
ޒީނާ ޒާހިރު. / ފޮޓޯ: ޕީއެސްއެމް
ޒީނާ ޒާހިރު. / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

އެންމެ މަތިން މާކްސް ލިބުނު ޒީނާ ވަނީ މީގެ ކުރިންވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރައްވާފައި. އޭނާ ވަނީ ޕީއެސްއެމްގެ އެމްޑީގެ މަޤާމުވެސް ދުވަސްކޮޅަކަށް އަދާކޮށްފައި.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ޒީނާ ޒާހިރު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ މަޤާމު ހުސްވެފައިވަނީ މެންބަރެއްގެ ގޮތުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއާއެކު އެ މަޤާމަށް ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

އެ ނަންތައް ދިރާސާ ކުރުމަށްފަހު އޭގެ ތެރެއިން %75 ވުރެ މަތިން މާކްސް ލިބުނީ 5 ބޭފުޅަކަށެވެ. އެ 5 ބޭފުޅުންނާއި، ލިބުނު މާކްސްއަކީ:

ޒީނާ ޒާހިރު – %85.13

އައިޝަތު ޝިޔާނާ - %83

ޝިމްލާ އަހުމަދު - %82

މޫސާ ރިލްވާން - %81

ޒަމްއަތު އަހުމަދު ވަހީދު - %77.50

އެންމެ މަތިން މާކްސް ލިބުނު ޒީނާ ވަނީ މީގެ ކުރިންވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރައްވާފައެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ޕީއެސްއެމްގެ އެމްޑީއަކަށްވެސް އޭނާ ޢައްޔަންކުރެއްވި ނަމަވެސް ގިނަ ދުވަސްތަކެއް ނުވަނީސް އޭނާ ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މީގެ އިތުރުން، ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ އެ މަޤާމަށް ޢައްޔަންކުރުމަށް އިތުރު ނަންތަކެއް ރައީސް ވަނީ މިއަދު ފޮނުއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%