ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމާއެކު މިއަހަރުގެ ރަމަޟާން މަހުގެ ޢުމްރާވެރިންނަށް ހަމަޖެއްސި ޑޮލަރު ލިމިޓު ބޮޑު ފަސޭހައަކަށް ވަނީ ވެފައެވެ.
މިއީ މީގެ ކުރިން އެއްވެސް ރައީސަކު ދިވެހި ރައްޔިތުންނަށް ފަހިކޮށްދެއްވާފައި ނުވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
މި އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ވަޑައިގެންނެވި ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން، 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބީއެމްއެލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވީ 1446ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުންކަމުގައި އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ބީއެމްއެލް އިން މިއަދު ބުނީ ރަމަޟާން މަހު ޢުމްރާވެރިންގެ ޑެބިޓް ކާޑުން އެއް މިލިއަން ޑޮލަރުގެ މުޢާމަލާތް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ރައީސްގެ އެދިވަޑައިގަތުމާއެކު ރަމަޟާން މަހު ޢުމްރާވެރިންގެ ޑެބިޓް ކާޑަށް ބޭންކުން އިތުރު 1500 ޑޮލަރު ހަމަޖައްސައިދީފައިވާއިރު، 1300 ޢުމްރާވެރިން ކާޑު މެދުވެރިކޮށް މުޢާމަލާތް ކޮށްފައިވާކަމަށް ބީއެމްއެން އިން ބުންޏެވެ.
މީގެ އިތުރުން، މި އަހަރު ރާއްޖެއިން ޙައްޖަށްދާ ދިވެހިންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1750 ބޮޑުކޮށްދިނުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ބީއެމްއެލް އިން މިއަދު ބުނީ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1750 ޑޮލަރު އިތުރަށް ލިބޭނެ ކަމަށާއި، މިހާރުވެސް ޑެބިޓް ކާޑަށް މަހަކަށް ދެމުންދާ 250 ޑޮލަރުގެ ލިމިޓުވެސް ލިބޭނެ ކަމަށެވެ. އަދި މިހާރުވެސް ދަތުރުވެރިންނަށް ވިއްކާ 500 ޑޮލަރުވެސް ބޭންކުން ވިއްކާނެ ކަމަށާއި، ޙައްޖު ކޯޕަރޭޝަނުން ލިސްޓު ފޮނުވުމުން ލިމިޓު ހަމަޖައްސައިދޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.