މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1,750 ބޮޑުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ ބޭންކް, ބީއެމްއެލްގައި އެދެފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރު ހައްޖަށް ދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1,750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ބީއެމްއެލްގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން," ރައީސް ވިދާޅުވި އެވެ.
ބީއެމްއެލް ޑެބިޓު ކާޑުގެ މިހާރުގެ ޑޮލަރު ލިމިޓަކީ 250 ޑޮލަރެވެ. އެއާއެކު ހައްޖަށް މީހުންނަށް ޖުމްލަ 2.000 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ.
މިދިޔަ ރޯދަ މަހު ރާއްޖެއިން އުމްރާއަށް ދިޔަ ދިވެހިންނަށް ވެސް ރައީސްގެ އެދިވަޑައިގަތުމަށް ވަނީ ޑެބިޓް ކާޑަށް ޖުމްލަ 1,750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދީފަ އެވެ.