އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
ޑެޕިއުޓީ ގަވަރުނަރު ކަމަށް އަސްނާ އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް އޭނާގެ ނަން ހުށަހަޅުއްވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު އިމާދު މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.
އެ މަގާމަށް އަސްނާގެ ނަން ފޮނުއްވުމާ ގުޅިގެން މާލިއްޔަތު ކޮމިޓީން މިއަދު ވަނީ އޭނާއާ އިންޓަވިއުކޮށް, އެ މަގާމަށް އޭނާ ނަގަން ފެންނަ ކަމަށް ފާސްކޮށް, ރުހުން ދީފަ އެވެ.
އަސްނާ މާލީ ދާއިރާގައި މަސައްކަތްކުރައްވާތާ މިހާރު ވަނީ 20 އަހަރު ވެފަ އެވެ. ފާއިތުވި އަހަރުތަކުގައި އެމްއެމްއޭގެ އެކި މަގާމުތައް އަދާކުރައްވާފައިވާ އަސްނާ އެ އޮތޯރިޓީއާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު އެވެ.
އަސްނާ ވަނީ މެލޭޝިއާ ގައި ހުންނަ ޔުނިވާސިޓީ އޮފް އީސްޓްލަންޑަން އިން ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވައިފަ އެވެ. އަދި މެލޭޝިއާގައި ހުންނަ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން މާސްޓާސް އިން ބިޒްނަސް ފައިނޭންސް ހާސިލްކުރައްވައިފަ އެވެ.