މީގެ ކުރިން ދުވަހަކު ވެސް ނުކުރާ ވަރަށް މި ސަރުކާރުން ނަރުހުންގެ އަގުވަޒަން ކުރާނެ: ރައީސް

އަހްމަދު އީޒާން | 4 ގަޑިއިރު ކުރިން - 12 މޭ 2025 13:29
ރައީސް ޑރ. މުއިއްޒު, އައިޖީއެމްއެޗުގެ ނަރުހުންނާ ސަލާންކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު, އައިޖީއެމްއެޗުގެ ނަރުހުންނާ ސަލާންކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސްގެ ހިތާބުގައި ވިދާޅުވީ ވަރުބަލިވުމެއް, ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް ކުރާނެ ކަމަށް.

މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި އަގުވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ނަރުހުންގެ އަގުވަޒަން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ވަރުބަލިވުމެއް, ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެ ކަމަށެވެ.

މި ސަރުކާރުން ނަރުހުންގެ އަޑުއަހައި, އިޖާބަދޭނެ ކަމަށާއި ނަރުހުންނަށް ފައިދާ ހުރި އެތައް ކަމެއް، އިސްކަންދީގެން، މި ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއި ދުވާލު އުފުލަމުން އަންނަ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.

ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައް ކަމެއް އެކުވެފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި ނަރުހުންގެ ހިދުމަތަކީ، ދެވޭ މުސާރައަކަށް ވުރެ، އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުއާ އެތައް ގުނައަކަށް އިތުރު، މާތް މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ ފަރުވާ ދިނުމަށް ހޮސްޕިޓަލުން މަރުހަބާ ކިޔަނީ އަދި ބަލި ފަސޭހަވެ, އެނބުރި ދިއުމާ ހަމަޔަށް ހިދުމަތުގައި ދެމިތިބެނީ މުރާލި ނަރުހުން ކަމަށެވެ.

ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި ހިނިތުންވުމާ އެކު ނަރުހުން ކުރަނީ، މުޅި ގައުމު ފަހުރުވެރިވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އެދެމުން، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަން." ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަސް ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިންސާނިއްޔަތަށްޓަކާ ނަރުހުން ވަމުން އަންނަ ގުރުބާނީ އާއި އެމީހުންގެ ހިދުމަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އަގުވަޒަންކުރުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%