ރ. ވަންދޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާނެ ސެންޓަރެއް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ ސެންޓަރު ހަދަނީ ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގަ އެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އަދި އެ މަސައްކަތުގެ އަގަކީ 18.5 މިލިއަން ރުފިޔާ އެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ސެންޓަރަކީ 2020 ވަނަ އަހަރު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާ އެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން "އެލިމިނޭޓިން ޕަރސިސްޓްންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރީ ސައުންޓް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.
ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ މި ސެންޓަރު ފުރިހަމަކުރެވުމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލް ތިމާވެއްޓާ ރައްޓެހި ގޮތުގައި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން އެ ސެންޓަރުގައި ރައްކާކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މުއްދަތު ހަމަވާ ކެމިކަލްގެ ބާވަތްތައް، އީ-ވޭސްޓް، ޓޫރިޒަމް އަދި އިމާރާތްކުރުން ފަދަ ސިނާއަތްތަކުން އުފެދޭ ނުރައްކާތެރި ކުނި އަދި ކެމިކަލްތައް ތިމާވެއްޓާއި ރައްޓެހި އުސޫލުން ރައްކާކުރުމަށް ދާއިމީ ހައްލެއް މި ސެންޓަރާ އެކުގައި ލިބޭނެ ކަމަށެވެ.