ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެ ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކޮށް 8 މަސްދުވަސް ވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަކީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށް މިއަދު ބުނެފިއެވެ.
ވެމްކޯއިން ހާމަކުރި ގޮތުގައި މިއަދާ ހަމައަށްވެސް އެ ކޯޕަރޭޝަނުން އަންނަނީ މުވައްޒަފުންގެ ޕެންޝަން ފައިސާ ދައްކަމުންނެވެ. އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއެކު މަޝްވަރާކޮށް، ޖެހިފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ވެމްކޯއިން ފާހަގަކޮށްފައިވަނީ، ކޯޕަރޭޝަންގެ ޚަރަދުތަކާއި މުވައްޒަފުންގެ މުސާރަ ހަމަޖައްސަމުންދަނީ އެ ކޯޕަރޭޝަނަށް ލިބޭ އާމްދަނީން ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން އެކަނި ވެސް 66 މިލިއަނެއްހާ ރުފިޔާ ވެމްކޯއަށް ދައްކަން ޖެހި، މިހާތަނަށް ނުދައްކާ ހުރި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ވެމްކޯއިން އިތުރަށް ބުނެފައިވަނީ، އެއްވެސް މުވައްޒަފެއްގެ ޕެންޝަން ޙައްޤަށް އުނިކަމެއް ނާންނާނެހެން ފައިސާ ދެއްކުމުގެ ކަންކަން ރޭވިފައިވާ ކަމަށެވެ. އަދި މުވައްޒަފުންނަށް އޮޅޭހެން އަދި ސަރުކާރާއި އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭނެ ގޮތަށް މަޢުލޫމާތު ފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.