މަތީ ތައުލީމުގެ އެކި ފުރުސަތުތަކަށް ދައުލަތުން މި އަހަރުގެ މިހާތަނަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ފުރަތަމަ ޑިގްރީ ސްކީމާއި ސްކޮލަޝިޕް ސްކީމްތަކަށް އަހަރުގެ މިހާތަނަށް ދައުލަތުން ކޮށްފައިވާ ހަރަދުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ފުރަތަމަ ޑިގްރީ ސްކީމާއި ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން ޖުމްލަ 9،044 ދަރިވަރުން މި ވަގުތު އަންނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.
މިނިސްޓްރީން ބުނީ ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން ޖުމްލަ 717 ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ދީފައިވާއިރު، މި އަހަރު މިހާތަނަށް ސްކޮލަޝިޕްގެ ދަށުން ކިޔެވުން ފަށާފައި ވަނީ 25 އަންހެން ދަރިވަރުންނާއި 9 ފިރިހެން ދަރިވަރުން ކަމަށެވެ. އަދި މި އަހަރު މި ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 55،517،650.23ރ. ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން ޖުމްލަ 8،327 ދަރިވަރުން މި ވަގުތު ރާއްޖޭގައި އަންނަނީ މަތީ ތައުލީމު ހާސިލްކުރަމުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި, މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 5،258 އަންހެން ދަރިވަރުންނާއި 3،069 ފިރިހެން ދަރިވަރުން އަންނަނީ މަތީ ތައުލީމު ހާސިލްކުރަމުންނެވެ. އަދި އެ ސްކީމްގެ ދަށުން މި އަހަރުގެ މިހާތަނަށް ޖުމްލަ 51،725،772.26 ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވެ އެވެ.