މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި އެވެ.
ނަޒީރު އަވަހާރަވީ އާލާސްކަންފުޅަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ އެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ނަޒީރަކީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ.
މަރުހޫމް މުހައްމަދު ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.
އައްޑޫ ސިޓީ ހުޅުދޫގައި އުފަންވެވަޑައިގެންނެވި ނަޒީރު ވަނީ އާއިލީ ޓްރެވަލް އެޖެންސީއެއް ކަމުގައިވާ "ސަންލޭންޑް" ގެ ނަމުގައި ވިޔަފާރިއެއް ފައްޓަވައި، ރާއްޖެ ބޭރު ދުނިޔޭގައި މާކެޓްކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ސަންލޭންޑު ނަޒީރަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.









