ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ޓަވަރުގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގުމާއެކު އެ ކުއްޖާ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިއީ ވިދިވިދިގެން ދެ ދުވަހުގެ ތެރޭގައި ހުޅުމާލެ ފޭސް ދޭއްގެ ޓަވަރަކުން ކުއްޖަކު ވެއްޓުނު ދެވަނަ ހާދިސާއެވެ. އެގޮތުން އިއްޔެ ވެސް ހުޅުމާލެ ފޭސް ދޭއްގެ 'އަމާން ދޯދި' ޓަވަރުން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.









