ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާކުރުމަށް އެ ދެ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުނުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ނިންމައިފިއެވެ. މި ދެ ފަނޑިޔާރުންނަކީ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ އެވެ.
މިއަދު އޮތް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ކޮމިޓީއަށް ދެ ފަނޑިޔާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް، މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ހުށަހެޅުން ފާހެއް ނުވިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލައިގައި އިޖުރާއީ ކަމެއް ފާހަގަ ނުކުރެވޭތީ، މައްސަލަ ތަޅުމަށް ފޮނުވުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް، މި ހުށަހެޅުމަށް މިއަދުގެ ބައްދަލުވުމުގައި ވޯޓަށް އަހާފައެއް ނުވެއެވެ.
ކޮމިޓީން މިފަދައިން ނިންމާފައިވާއިރު، ދެ ފަނޑިޔާރުން ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ބާ ކައުންސިލުން ވެސް ވަނީ މި މައްސަލައިގައި ޖުޑިޝިއަރީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިފައެވެ.