އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ގުޅުން ކެނޑިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އޯގަސްޓް މަހުގެ މެދުތެރޭގައި ނޫސްވެރިންނާއި ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވެފައިވަނީ ޖުލައި 26 ގައި މާރާލާގޯގައި ބޭއްވުނު ބައްދަލުވުމަށްފަހު ނެތަންޔާހޫއާ ވާހަކަ ނުދައްކާކަމަށެވެ.
މި ދެ ލީޑަރުންގެ ގުޅުން ފިނިވަމުންދަނީ އެތައް އަހަރެއްގެ އެކި ގޮތްގޮތަށް ބަދަލުވަމުން އައި ސިޔާސީ ގުޅުމަކަށްފަހުގައެވެ. 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑެންގެ ކާމިޔާބީއަށް މަރުހަބާ ކިޔި ފުރަތަމަ ބޭރުގެ ލީޑަރލީޑަރުންގެ ތެރޭގައި ނެތަންޔާހޫ ހިމެނުމާ ގުޅިގެން ޓްރަމްޕް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެ އިންތިޚާބަކީ "ވަގަށް ނެގި" އިންތިޚާބެއްކަމަށް ޓްރަމްޕް މިއަދާ ހަމައަށްވެސް ވިދާޅުވަމުން ގެންދަވައެވެ. 2023 ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ ނެތަންޔާހޫއާ ދެކޮޅަށް ހަރުކަށި ބަހުރުވައެއް ބޭނުންކުރައްވާފައެވެ.
ޓްރަމްޕް އަބަދުވެސް އިސްރާއީލަށް ތާއީދުކުރައްވާ ކަމުގައިވީ ނަމަވެސް، ނެތަންޔާހޫއާ އެކުގައި އޮންނަ އަމިއްލަ ގުޅުން ދަނީ އުނދަގޫ ގޮތަކަށް ބަދަލުވަމުންނެވެ. ފަހުން ބޭއްވުނު ބައްދަލުވުމަކީ ރަމްޒީ ގޮތުން މުހިންމު ބައްދަލުވުމެއް ކަމުގައިވީ ނަމަވެސް، އެ ބައްދަލުވުމުން ދެމެހެއްޓެނިވި މުއާމަލާތަކަށް މަގުފަހިވެފައި ނުވާކަން ފާހަގަކުރެވެއެވެ.