މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، މިކުދިން މި ހޭލަނީ ޑިޖިޓަލް ރާއްޖެއަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިފްތިތާޙް ކޮށްދެއްވި ދައުލަތް ޑިޖިޓަލައިޒްކުރުމަށް އަމާޒުކޮށްގެން ފަށާ "މޯލްޑިވްސް 2.0" މަޝްރޫޢުއަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމެވެ.
މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ޚިދުމަތެއް ފޯރުކޯށްދިނުމަށް އިސްކަންދެވޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
"މޯލްޑިވްސް 2.0" މަޝްރޫޢު ބިނާވެފައިވަނީ މައިގަނޑު 8 ތަނބެއްގެ މައްޗަށެވެ. މީގެ ތެރޭގައި ޤައުމީ ޑިޖިޓަލް އައިޑީ ސިސްޓަމެއް ޤާއިމުކުރުމާއި، މުއައްސަސާތަކުގެ މެދުގައި ރައްކާތެރި ގޮތެއްގައި ޑޭޓާ ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާއި، ސައިބަރ ސެކިއުރިޓީގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޑިޖިޓަލް މުއާމަލާތްތަކަށް އިތުބާރު އުފައްދައިދޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއި، ޚިދުމަތް ހޯދާފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން ޚިދުމަތްތައް ފަރުމާކުރުން ވެސް ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން މި އަހަރު ސިއްޙީ، ތަޢުލީމީ އަދި ފައިނޭންސްގެ ދާއިރާއިން ގެންނަންޖެހޭ އިސްލާހުތަކަށް އިސްކަން ދެވޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި އައި.ސީ.ޓީ ދާއިރާގެ ފުރުސަތުތައް ދިވެހިންނަށް ފުޅާކުރުމާއި އިިޖާދީ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ވެސް މި މަޝްރޫޢުގެ ދަށުން މަސައްކަތް ކުރެވޭނެއެވެ.
ރައީސް ވިދާޅުވީ، "މޯލްޑިވްސް 2.0" މަޝްރޫޢަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ އިސްތިރާޖުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫން ކަމަށެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޯށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އަދުގެ ކުޑަކުދިން މާދަމާ ބޮޑުވާއިރު އެކުދިން ތިބޭނީ ސީދާ ޑިޖިޓަލް ރާއްޖޭގައެވެ.









