ރާއްޖޭގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލެވޭނީ ޑިޖިޓަލައިޒް ކުރެވޭ މިންވަރަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު "މޯލްޑިވްސް 2.0" ނުވަތަ ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ނިޒާމީ އަދި އިޖްތިމާއީ ގޮތުން ހުރި ގިނަ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންގެ މައްސަލަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޤައުމުގެ ނިޒާމް މިހާރު ހިނގާ ގޮތް ބަދަލުނުކޮށް މިކަމުން ސަލާމަތްވެވެން ނެތް. އިންސާނުން އޭގެ ޒާތުގައި ކަންކަން ކުރާއިރު، އަތުގައި ބާރެއް އޮވެއްޖެއްޔާ ކުރެވޭ ކަމަކީ އަމިއްލަ ނަފްސު އިސްކުރުން. ކޮރަޕްޝަން އޭގެ ސަބަބުން އިތުރުވޭ. އެހެންވީމަ އަމިއްލައަށް ކަންކުރާ މިންވަރު މަދުވާ ވަރު މި ނިންމަނީ ޚިދުމަތުގެ ނިޒާމުގައި ކޮރަޕްޝަން މަދުވާ މިންވަރު," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޑިޖިޓަލައިޒޭޝަން މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި މިހާރު ބޭނުންކުރާ އައިޑީ ކާޑު ސްމާޓް ޑިޖިޓަލް ކާޑަކަށް ބަދަލުކުރުމާއި، ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ނިޒާމަކުން ގުޅާލުން، އަދި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު އިތުރުވެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައިވެސް ރާއްޖެއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އެސްޓޯނިއާގެ މިސާލު ދައްކަވަމުން ވިދާޅުވީ އެ ޤައުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ދުނިޔޭގެ 2 ވަނަ ޤައުމު ކަމަށާއި، މިއީ އެ ޤައުމުގެ ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢު ކުރިއަށް ގެންދިއުމަށް މަގުޗާޓެއް އެކުލަވާލުމަށް ޚާއްޞަ ސަމިޓެއް މިހާރު ވަނީ ފަށާފައެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓުގައި ހުރިހާ އިދާރާތަކާއި މުއައްސަސާތަކުން މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެއެވެ.
ރައީސް ވިދާޅުވީ، ޑިޖިޓަލައިޒޭޝަނަކީ ހުރިހާ އެންމެން ގުޅިގެން އެކުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި މިއީ ޤައުމުގެ ތަރައްޤީއަށް އަދި ކޮރަޕްޝަން ނައްތާލުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.









