އައްޑު އަތޮޅު ހުޅަނގުން ސްރީލަންކާގެ މަސް ބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެ ބޯޓުގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބޯޓުގެ އިންޖީނު ހުއްޓި، މިހާރު އޮތީ ސ. ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައެވެ. އަދި އެ އުޅަނދު އޮޔާ އަންނަނީ އައްޑޫސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
"މި ކަމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓުގާޑުން ދަނީ އެ ބޯޓުގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުން," އެމްއެންޑީއެފްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއް ވިދާޅުވިއެވެ.
އެމްއެންޑީއެފުން އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެކެވެ. އަދި ބޯޓުގައި ތިބި ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް ބޯޓުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެނަމަ އަޅާނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއްވިއެވެ.