ގަދަ ކޮޅިގަނޑަކަސް ތައްޔާރުވާއިރު އަޅުގަނޑުމެން ޤިޔާމަތް ދުވަހަށް ތައްޔާރު ނުވަނީ، ހަވާނަފްސުގެ އެދުންތަކުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ތަޤްވާވެރީންނަކީ، މާތް ﷲ ހަނދުމަކުރާ މީހުން" މި މައުޟޫއަށް އަލިއަޅުވައިލެއްވި ޚުޠުބާގައި މައިގަނޑު ގޮތެއްގައި ހަނދާންކޮށްދެއްވީ މާތް ﷲ ހަނދުމަކުރުމުގެ މުހިންމުކަމާއި، ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށެވެ.
ޚުޠުބާގައި، މާތް ﷲ ގެ ޙަޟުރަތަށް އެންމެހައި މީސްތަކުން ރުޖޫޢަކުރެއްވޭނޭ ދުވަހަށް، ރައްކާތެރިވެ ބިރުވެތިވެވޭނީ، މާތް ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވެ، އެ ކަލާނގެ ހަނދުމަކޮށްގެންކަމަށް ވިދާޅުވިއެވެ. އަދި ސުވަރުގޭގެ މަތިވެރި ޘަވާބަށް އުންމީދުކޮށް، ނަރަކައިގެ ވޭންދެނިވި ޢަޛާބުގެ މަތީން ހަނދާންކޮށްގެން ކަމަށާއި މި ކަންކަން އެކަކު އަނެކަކަށް ހަނދާންކޮށްދީ، ވަޢުޡާއި ނަސޭހަތް ލިބިގަނެގެން ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މާތް ﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި އަމަލަކީ ނަމާދު ޤާއިމުކުރުން ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ނަމާދަކީ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަމަލު ކަމަށާއި، މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ހެޔޮ އަމަލުތަކަށް ހުރަސްއަޅަނީ ހަވާނަފުސުގެ އެދުމާއި، މުންކަރާތާއި، ފާޙިޝު ޢަމަލުތައައްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މީގެ ތެރޭގައި ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ޝައިޠާނާ އިންސާނާ މަގުފުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޓަކައި، ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތައް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ދުނިޔަވީ ކަންކަމުގައި އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި، ކުރިޔަށް ދެވިދާނެ ނަމަވެސް އުޚްރަވީ ކަންކަން ރާވާން އެނގޭނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘްތަކުގެ އަލީގައި ކަމަށާއި، ޤިޔާމަތްދުވަހާ މެދު ކަންކަން ރާވައި، އެ ދުވަހަށް ތައްޔާރުވާން ޖެހޭނީ، މި ދެ އަޞްލުގެ އަލީގައި ކަމަށް ވިދާޅުވިއެވެ.
ބިންހެލުމެއް އަތުވެދާނެތީ، ނުވަތަ ސުނާމީއެއް އަރައިފާނެތީ، ނުވަތަ ގަދަ ކޮޅިގަނޑުތައް ދެކެ ބިރުގަންނަ އިރު، އެއްވެސް ޝައްކެއްނެތި، ކަށަވަރުވަނިވި ޤިޔާމަތް ދުވަހާ މެދު، ބިރުވެތިވާން ހަނދާންނެތޭކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި އެ ދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަހުރި ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި އަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރީން އެ ފަދަ އަމަލުތައް ކުރުން މަތީ ޤާއިމުވެތިބުމަށާއި، މާތް ﷲ އަށް ތަޤްވާވެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެއްކަން ހަނދާންކޮށްދީ، ދިންނަވައި ނަސީބު ލިބެނިވި މީހުންގެ ތެރޭގައި ވުމަށް ޓަކައި، މާތް ﷲ ހަނދުމަކޮށް، އެ ކަލާނގެއަށް ތަޤްވާވެރިވުމަށް ގޮވާލެއްވިއެވެ.