ރައީސުލަޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ އެންމެހާ މަސައްކަތްތަކާބެހޭ ސާފު މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ވަޒީރުންގެ ޕަބްލިކް ފޯރަމްގެ ފަސްވަނަ ފޯރަމް ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ. މި ފޯރަމް އޮންނާނީ ހޯމަ ދުވަހުގެ ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައެވެ.
ކުރިއެކޭ ވެސް އެއްފަދައިން މިފަހަރުގެ ފޯރަމުގައިވެސް 5 ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
"އަހާ: 5 ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:
• ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
• ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
• މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
• ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
• ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ
ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާއި ސުވާލުކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.






