އެމްއެންޔޫ އިން ބޭރުގެ ދެ ޔުނިވާސިޓީއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 8 މޭ 2025 17:04
އެމްއެންޔޫ އިން އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫ އިން އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އެމްއެންޔޫ
ޚުލާސާ

އެއްބަސްވުން ހެދީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީއެއް ކަމަށްވާ "ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ" އާއި މެލޭޝިޔާގެ ޔުނިވާސިޓީއެއް ކަމަށްވާ "ސެލަންގޯ އިސްލާމިކް ޔުނިވާސިޓީ"އާއެކު.

ގައުމީ ޔުނިވާސިޓީ, އެމްއެންޔޫ އިން ބޭރުގެ ދެ ޔުނިވާސިޓީއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެމްއެންޔޫ އިން ބޭރުގެ ދެ ޔުނިވާސިޓީއަކާއި ގުޅިގެން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ދެ އެއްބަސްވުމެއްގައި މިދިޔަ އަންގާރަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.

އެއީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީއެއް ކަމަށްވާ "ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ" އާއި މެލޭޝިޔާގެ ޔުނިވާސިޓީއެއް ކަމަށްވާ "ސެލަންގޯ އިސްލާމިކް ޔުނިވާސިޓީ" އެވެ.

އެ ދެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. އަދި "ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ"ގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރު ނިކޮލަސް ހައިޑެވެ. އަދި "ސެލަންގޯ ޔުނިވާސިޓީ"ގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ފަރީދު ރަވީ ބިން އަބްދުﷲ އެވެ.

މިނިސްޓްރީން ބުނީ "ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ"އާ އެކު ވެވުނު އެއްބަސްވުމަކީ ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް ދެ ޔުނިވާސިޓީ މެދުވެރިވެ މަސައްކަތްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

"ސެލަންގޯ އިސްލާމިކް ޔުނިވާސިޓީ"އާއެކު ސޮއިކުރެވުނު އެއްބަސްވުމަކީ ދެ ޔުނިވާސިޓީން ގުޅިގެން ދިރާސާކުރުމާއި ދެ ގައުމުގެ ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތުތަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%