ސަރުކާރުގެ ވިސްނުމަކީ މީހުން ޝަރީޢަތެއް ނެތި ނުވަތަ ވާނުވާ ބަންދުގައި ބޭތިއްބުން ނޫން ކަމަށް، ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ފަރާތްތަކާއި އެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ބޭނުންފުޅުވަނީ އެގޮތަށް ބަންދުގައި ތިބި މީހުން މޮނިޓަރ ކުރާގޮތަށް ލުއި ދިނުމަށެވެ. އެގޮތުން، މޮނިޓާކުރެވޭނެ ނިޒާމަކާއެކު "ވާނުވާ" ބަންދުގައި ތިބި މީހުންނަށް ފުރުސަތެއް ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ޕްރޮސިކިއުޓާ ޖެނެރަލް އަދި އެޓަނީ ޖެނެރަލާ މަޝްވަރާކުރައްވައިގެން ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަމަށެވެ. އަދި މޮނިޓަރކުރެވޭ ނިޒާމެއްގެ ދަށުން ކޮންމެ މީހަކަށް ވެސް އެއް ފުރުޞަތު ދެވޭތޯ ބެއްލެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އާއި އަދި އެޓަރނީ ޖެނެރަލާއި ވެސް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ވާނުވާ ބަންދުގައި މީހުން ތިބެން ޖެހިފައިވާ ސަބަބަުތައް ގިނައެވެ. އޭގެތެރޭގައި ވަކީލުން ގަސްދުގައި މައްސަލަ ތައް ލަސްކުރުމާއި، ހެކިންތައް ހާޒިރުކުރަން އުނދަގޫ ވުން ވެސް ހިމެނެއެވެ. މީގެ އިތުރަށް ކޯޓުގެ ޖާގައިގެ ދަތިކަން ވެސް ހިމެނެއެވެ.
ރައީސް ވިދާޅުވީ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވަގުތީ ގޮތުން މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރައްވާ ކަމަށެވެ.
މީގެ އިތުރުން، ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.