ޣައްޒާގައި އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 92 މީހުން ޝަހީދުވެއްޖެ ކަމަށް އޮފިޝަލުންނާއި ޙަވާލާދީ އިއްޔެ އެސޯސިއޭޓެޑް ޕްރެސް އިން ބުނިއިރު މިއަދު 38 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ދެ ނޫސްވެރިން ހިމެނެއެވެ.
މި ހަނގުރާމަ މި މިހާރު 20 ވަނަ މަހަށް ވަދެފައިވާއިރު، މި ހަމަލާތައް ދިނީ އިސްރާއީލުން ޣައްޒާގައި ހިންގާ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ތައްޔާރުވަމުންދާ ވަގުތެއްގައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ ޙަމަލާތައް ނުހުއްޓަނެ ކަމަށާއި، ރަހީނުން މިނިވަން ވިޔަސް، ހަމަލާތައް މުޅީން ނުހުއްޓާނެ ކަމަށެވެ.
މި ހަނގުރާމައިގައި މިހާތަނަށް 60,000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދު ވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ނަމަވެސް ޝަހީދުވި މީހުންގެ ތެރެއިން ހަނގުރާމަވެރިންނާއި އާންމު ރައްޔިތުން ވަކިކޮށްފައެއް ނުވެއެވެ.









