އެމްއެންޑީއެފުން ހުޅުމާލޭގައި ހެދި ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި, އެތަން ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް އެއްކޮށް ނިންމާލައި, އެތަން ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ސިފައިންނާ ހަވާލުކުރެއްވީ, އޮރެންޖް ހިޔާ އިމާރާތުގެ ފްލޯއެއްގައި ތެލެސީމިއާ ސެންޓަރު ހިންގުމަށް, އެ ސެންޓަރު އެތަނަށް ބަދަލުކުރަމަށް ސަރުކާރުން ހަވާލުކުރި ކުންފުނިން އެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް ވެސް ނިންމާފައި ނުވާތީ އެވެ.
ދުނިޔޭގެ ތެލަސީމިއާ ދުވަސް މިއަދު ފާހަގަކުރާއިރު, މިއަދަށް އެ މަސައްކަތް ނިންމައި އެތަން ހުޅުވާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އެ ކުންފުނިން މަސައްކަތް ނުނިންމަ އެވެ.
ތެލެސީމިއާ ސެންޓަރު މިހާރު ހިންގާ, މާލޭގެ މަޖީދީމަގުގައި ހުންނަ ބްލަޑް ސާވިސް އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ. އަދި އެތަނުގައި ޖާގައިގެ ދަތިކަން ބޮޑުވެ ހިދުމަތް ދިނުމަށް ވެސް ވަނީ ދަތިވެފަ އެވެ. ތެލެސީމިއާ ސެންޓަރު އެހެން ތަނަކަށް ބަދަލުކުރަން ސަރުކާރުން ނިންމީ އެ ސަބަބާ ހެދި އެވެ.