އިންޑިއާގައި ބައްވާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ޒުވާން ޤައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ ރޭ 9 ޖެހިއިރު ފުރަން ދިޔަ ޓީމަށް ދެ ފަހަރު މަތިން ފްލައިޓް ޑިލޭވެ ފުރޭގޮތް ނުވުމުން ޓީމު އެނބުރި މާލެ އައީ ކަމަށާއި، މިއަދުވެސް ފުރޭނެކަމުގެ ޔަގީންކަމެއް އެއާލައިނުން ދީފައިނުވާކަމަށެވެ.
ޤައުމީ ޓީމުން ފުރުމުގެ ކަންކަން ހަމަޖެއްސީ ސްރީލަންކަން އެއާލައިންސްގެ ފުލައިޓެއްގައި މާލެ އިން ކޮލަމްބޯއަށް އަދި ކޮލަމްބޯއިން ނިއުދިއްލީއަށް ގޮސް ނިއުދިއްލީން މެޗު ކުޅޭ ސަރަހައްދަށް ޑޮމެސްޓިކް ފްލައިޓެއްގައި މެޗު ކުޅޭ ސަރަހައްދަށް ގޮތަށެވެ.
އެހެންނަމަވެސް އޭސް ޓްރެވެލްސްއިން ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފްލައިޓު 23:00 އަށް ޑިލޭވެ ފަހުން 12:25 އަށް ޑިލޭވުމާއި ގުޅިގެން ލަންކާ މަގުން ދިއްލީއަށް ދާން އޮތް ފްލައިޓް ނައްޓާލާ ގަޑި ޖެހުނުއިރުވެސް ރާއްޖެއަށް ޖައްސާފައެއް ނުވެއެވެ.
ރޭ ޤައުމީ ޓީމަށް ނުފުރުނަމަވެސް މިއަދު ޓީމުގެ 4 މީހަކު ފުރާފައިވާއިރު، އެމީހުން ލަންކާގައި މަޑުކުރުމަށްފަހު މެޗު ކުޅޭ ސަރަހަށްދަށް ދާން މަސައްކަތް ކުރަނީ ކަލްކަތާ މަގުންނެވެ.
ރާއްޖޭން ފުރައިގެން ލަންކާ މަގުން ރާއްޖޭގެ ޓީމަށް އެންމެ އަވަހަށްވެސް މެޗު ކުޅޭ ސްޓޭޑިއަމް އޮންނަ ސަރަހައްދަށް ދެވެން އޮތީ 8 ވަނަ ދުވަހެވެ. ރާއްޖޭ ޓީމުން މުބާރާތުގައި ފުރަތަމަ ކުޅެން ޖެހޭ މެޗު އޮތީ 9 ވަނަ ދުވަހުއެވެ. ޓީމުގެ ކޯޗު ބުނީ މިއަދުވެސް ފުރޭނެކަމުގެ ޔަގީންކަމެއް ދީފައިނުވާތީ އަލުން މާލޭގައި ފަރިތަކުރުންތައް ބާއްވާނެ ކަމަށެވެ.
އަދި 8 ވަނަ ދުވަހު އިންޑިއާގައި މެޗު ކުޅޭ ސަރަހައްދަށް ދެވިއްޖެނަމަ ޖެހިގެން އަންނަ ދުވަހު މުބާރާތުގެ ފުރަތަމަ މެޗަށް ނިކުންނަށް ޖެހޭނީ އެއްވެސް ވަރަކަށް އެކޮޅުގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ނެތި ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
ޝާކިރު ބުނީ އަދި ފެންނަ މަގުތަކަށް ބަލާއިރު މުބާރާތް ކުޅޭ ސަރަހައްދަށް އަވަހަށް ދެވޭނެ ކަމުގެ ޔަގީންކަމެއްނެތްކަމަށާއި މިއަދު ފުރޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތް ކަމަށެވެ.
ޤައުމީ ޓީމުގެ ދަތުރަށް ދިމާވި މި ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޓީމު މުބާރާތުގެ ފުރަތަމަ މެޗަށް ވީހާވެސް އަވަހަކަށް ފޮނުވުން. އެކަމަށްޓަކައި މަސައްކަތްކުރަމުން ގެންދަނީ," މިނިސްޓްރީން އިތުރަށް ވިދާޅުވިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޮފިޝަލަކު ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަމާއެކު ޓީމު އަވަހަށް މުބާރާތަށް ފޮނުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.
"ސަރުކާރުގެ އިސްނެގުމާއެކު މި މައްސަލަ އަވަހަށް ޙައްލުވާނެ ކަމަށް އުއްމީދުކުރަން. ޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މި މުބާރާތަށް ތައްޔާރުވެފައިވަނީ. އެހެންކަމުން، އެ މަސައްކަތް ބޭކާރުވެގެން ނުދާނެ ކަމަށް ޔަޤީންކުރަން," އޭނާ ވިދާޅުވިއެވެ.