ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މަސައްކަތް ކުރާނެ 74 ސެކިއުރިޓީ އޮފިސަރުން ހޯދަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު އިއުލާނުކޮށްފި އެވެ.
އޭވިއޭޝަން ކޮމާންޑުން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލާ މީހުންނަށް މުސާރައިގެ ގޮތުގައި މަހަކު 5،920ރ. އާއި ސާވިސް އެލަވަންސަށް 1,500ރ. ލިބޭ ކަމަށް ބުންޏެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ހަމައަށް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.
އިތުރު އެލަވަންސްތަކުގެ ގޮތުގައި ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތަށް 60ރ. އާއި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނީ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@avsecom.gov.mv މެދުވެރިކޮށް ލިބޭނެ ކަމަށާއި އެ ތަކެތި ހުށަހަޅަން ޖެހެނީ ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓަރަށް ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާ މީހުންނަކީ ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ސިއްހަތު ރަނގަޅު މީހަކަށް ވުމާ އެކު, ޔުނިފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭނެ މީހަކަށް ވާން ޖެހެ އެވެ.
އެ މަގާމުތަކަށް ކުރިމަތިލެވެނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ. އިސްކޮޅުގައި ފަސް ފޫޓު ހުންނަން މީހުންނަށެވެ.
އެ އިއުލާނުގައި ބުނީ ތައުލީމީ ފެންވަރާއި ތަޖުތިބާއަށް ބަަަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ މީހުން ޝޯޓްލިސްޓް ކުރާނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ސަރުކާރުން ތައްޔާރުވަމުން އަންނައިރު, އެތަނުގައި މަސައްކަތްކުރަން ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާނެ ކަމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލުން ކުރިން ބުނެފައިވެ އެވެ.









