ފެންނަ ކޮންމެ މަންޒަރަކީ ތެދެއް ނޫން!

ޢަބްދުﷲ ޖުނައިދު | 16 ދުވަސް ކުރިން - 5 މޭ 2025 00:21
މިއީ ފިތުނަ އުފެއްދުމުގެ ބޭނުމުގައި ބަޔަކު ފަތުރައިގެން އުޅޭ އޭއައި ޖެނެރޭޓެޑް ފޮޓޯއެއް.
މިއީ ފިތުނަ އުފެއްދުމުގެ ބޭނުމުގައި ބަޔަކު ފަތުރައިގެން އުޅޭ އޭއައި ޖެނެރޭޓެޑް ފޮޓޯއެއް.
ޚުލާސާ

ތަނަކުން ފޮޓޯއެއް ފެންނަ އިރަށް އެއީ އަދި ޙަޤީޤަތެއް ކަމަށް ހީކޮށް އެވާހަކަތައް ފެތުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން.

ވީގޮތެއް އަދި ވެގެން އުޅޭ ގޮތެއް މީހުން ގިނަފަހަރަކު ނުބަލައެވެ. މިފަހަރު ވެސް އެކަހަލަ ކަމެކެވެ. ގެރީގެ ކުޑަކަމުދާ ތަކެތީގެ ކޯލާ" އުފައްދައި ބާޒާރަށް ނެރެފައިވާ ކަމަށް ބުނެ އެ މަންޒަރު ދައްކައިދޭ ފޮޓޯއަކާއި، ޒައެނިސްޓުންގެ ބަޔަކު ފަލަސްތީނުގެ އަލްޚަލީލް ސިޓީގެ މަގުމަތީގައި އިން ނުކުޅެދޭ ދެ އަންހެނުންގެ ގަޔަށް ފެން ޖަހައި ގޯނާ ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ސޯޝަލްމީޑިއާގައި ދައުރުވެއެވެ. ކޮންމެޔަކަސް، މިކަމުގެ ޙަޤީޤަތް ބަލައިލިއިރު، މިއީ ދޮގު މަޢުލޫމާތުކަން އެނގުނެވެ.

ޙަޤީޤަތެއް ކަމަށް ހީކޮށް މީހަކު ކޮށްފައިވާ ޕޯސްޓެއް. އަސްލަކީ މިއީ ފިތުނަ އުފެއްދުމުގެ ބޭނުމުގައި ބަޔަކު ފަތުރައިގެން އުޅޭ އޭއައި ޖެނެރޭޓެޑް ފޮޓޯތަކެއް.

މަތީގައި މިވާ ޕޯސްޓަކީ މީގެ ދެދުވަސް ކުރިން ދިވެއްސެއްގެ ފޭސްބުކުން ފެނިގެން އަޅުގަނޑު ނަގާފައިވާ ސްކްރީންޝޮޓެކެވެ. މީގެތެރެއިން ވައަތްފަރާތުގައިވާ ފޮޓޯއާއި ބެހޭގޮތުން އޭނާ ބުނެފައި ވަނީ އިންޑިއާގައި "ގެރީގެ ކުޑަކަމުދާ ތަކެތީގެ ކޯލާ" ނަމަކަށް ކިޔާ އައު “ޑްރިންކެއް” ބާޒާރަށް ނެރެފައިވާ ކަމަށެވެ. އަނެއް ފޮޓޯއާއި ބެހޭގޮތުން އޭނާ ބުނެފައި ވަނީ ޔަހޫދީ ސިފައިންގެ ބަޔަކު އެ ނުކުޅެދޭ ދެއަންހެނުންގެ ގަޔަށް ދިޔާއެއްޗެއް އަޅައި ގޯނާކުރާ ވާހަކައެވެ.

ޙަޤީޤަތަކީ، ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ މި ޚަބަރާއެކު ހިއްސާ ކޮށްފައިވާ ފޮޓޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން އުފައްދާފައިވާ ފޮޓޯތަކެކެވެ.

އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑްސް އޮތޯރިޓީ އޮފް އިންޑިއާ (އެފްއެސްއެސްއޭއައި) އިން ވަނީ ގެރީގެ ކުޑަކަމުދާ ތަކެތި ބޭނުން ކޮށްގެން އެއްވެސް ބާވަތެއްގެ ކާނާއެއް އަދި ބުއިމެއް ވެސް އުފެއްދުމުގެ ހުއްދަ ދީފައި ނުވާކަން ކަށަވަރު ކޮށްދީފައެވެ. އަދި މިފަދަ އެއްޗެއް ބާޒާރުގައި ނުވެސް ވިއްކާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

ނަމަވެސް، 2010 ވަނަ އަހަރު އިންޑިއާގެ ރަޝްޓްރިޔާ ސްވަޔަމްސެވަކް ސަންގް، ގެރީގެ ކުޑަކަމުދާ ތަކެތި ހިމަނައިގެން ބަލިން ޝިފާ ލިބޭ ކަމަށް ބުނެ އަމިއްލަޔަށް ބޭހެއް ތައްޔާރުކުރި ކަމަށް ބުނެވެއެވެ. މިއީ ވެސް ބާޒާރުގައި ވިއްކަން ތައްޔާރުކުރި އެއްޗެއް ނޫނެވެ.

ވީމާ މިފަދަ ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ޢާންމުންގެ މެދުގައި އޮޅުންތަކެއް އުފެދި، މުޖުތަމަޢުގެ ތެރޭގައި ޙަސަދައާއި ފިތުނަވެރިކަން އުފެދޭތީ، މިއީ ސަމާލުވާންވީ ކަންކަމެވެ.

އަޅުގަނޑުމެން ރައްޓެއްސަކަށް ޓެގުކޮށްފައި މަޢުލޫމާތުކޮޅެއް ނުވަތަ ފޮޓޯއެއް ލާއިރު އެ ކުރެވެނީ ކިހާވަރެއްގެ ކަމެއްތޯ ވަރަށް ރަނގަޅަށް ވިސްނާލަން ވާނެއެވެ. މިޒަމާނަކީ ފަސޭހައިން މަގުއޮޅޭ ޒަމާނެވެ. ސޯޝަލްމީޑިއާގައި އުޅޭނީ އެކި ބާވަތުގެ މީހުންނެވެ. ދީނެއް މިއްލަތެއް ޤަބޫލު ނުކުރާ މީހުންނާއި މުސްލިމުން ނަރަކައަށް ވައްދަން މަސައްކަތްކުރާ “މިޝަންގައި އުޅޭ” މީހުންނެވެ. މުސްލިމުން ބައިބައިކޮށް، ދީނުގެ މަތިންނާއި ހެއްދެވި ރަސްކަލާނގެ މަތިން ހަނދާން ނުކުރުމަށް މުސްލިމުން ބިޒީކޮށްލަން އުޅޭ ބައިގަނޑު ތަކެވެ. މިއީ އަޅުގަނޑުމެންނަށް ފަހަރުގައި ނުވިސްނި އޮވެދާނެ ކަމެކެވެ.

ކާފަރުން އެމީހުންގެ ގޭމްތައް ކުޅެމުންދާ މައިގަނޑު ސަބަބަކީ މުސްލިމުން އެއްބައިވެއްޖެނަމަ ޔޫރަޕް ބަނޑަށް ޖެހިދާނެތީ އެވެ. އެމީހުން ކައިބޮއެ އުޅެނީ ބޭންކް އިންޓެރެސްޓް (ރިބާ) އާއި، ބަނގުރަލާއި އޫރުމަހުން ލިބޭ ފައިސާއިންނާއި ޖިޒީންނެވެ. އަދި ހަށިވިއްކުމާއި މަސްތުވާތަކެތި ފަދަ ޙަރާމް ފައިސާއިންނެވެ. މުސްލިމުންގެ ދީނުގައިވާ ގޮތަށް ޢަމަލުކޮށް މުސްލިމުން އެއްބައިވެއްޖެ ނަމަ ބަނގުރަލާއި މަސްތުވާ އެނޫން ވެސް ތަކެއްޗާއި ބޭންކު ރިބާ އާއި މިނޫންވެސް ހަރާމް ފައިސާތައް މުސްލިމު ޤައުމުތަކުން ޔޫރަޕަށް ނުލިބޭނެއެވެ. މުސްލިމުން ޞުލްޙަ ވެއްޖެ ނަމަ ކާފަރުންގެ ހަތިޔާރުތައް ވެސް ވިއްކައިގެން އެލިބޭ އެތައް ޓްރިލިއަން ޑޮލަރެއް އެމީހުންނަކަށް ނުލިބޭނެއެވެ.


ރަލުގެ ވިޔަފާރިން އެކަނި އަހަރަކު 2 ޓްރިލިއަން ޑޮލަރު އެބަ ނަގާ


ރާ ވިއްކައިގެން އަހަރަކު ގާތްގަނޑަކަށް 2 ޓްރިލިއަން ޑޮލަރު އެމީހުން އެބަ ހޯދާކަން ވޯލްޑްބޭންކުގެ ހިސާބުތަކުން އެހެރީ ފެންނާށެވެ.

އެމީހުންނަކީ ޤުދުރަތީ ވަޞީލަތެއް އެހާވަރަކަށް ތިބި ބަޔަކަށް ނުވާތީވެ މި ޒާތްޒާތުގެ ތަކެތިން ޢާމްދަނީ ހޯދަނީއެވެ. ސޯޝަލްމީޑިއާއަކީވެސް ޓޫލެއްގެ ގޮތުގައި ބޭނުންކޮށް ނާޖާއިޒް ގޮތުގައި އެއިން ވެސް ފައިސާ ހޯދައެވެ. މުސްލިމުން އެއްބައިވެ އިސްލާމީ ޝަރީޢާ ހިންގާނަމަ ކާފަރުން އަހަރަކު އެ ނަގާ އެތައް ޓްރިލިއަން ޑޮލަރެއް އެމީހުންނަށް ބަންދުވާނެއެވެ. އެކަން އެމީހުންނަށް އެނގޭތީވެ ތާއަބަދު އެމީހުން މަސައްކަތް ކުރަނީ މުސްލިމުންގެ މެދުގައި ދޮގު މަޢުލޫމާތު ފަތުރައި ބައިބައި ކުރުމަށެވެ. އެމީހުން މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދާ ޙަޤީޤީ ސަބަބަކީ މިއީއެވެ.

ވީމާ، އަޅުގަނޑުމެން މިފަދަ ކަންކަމަށް ވިސްނައި، ތަނަކުން އެއްޗެއް ފެންނަ އިރަށް އޭގެ ޙަޤީޤަތް ނުބަލައި އަނެކާގެ ގާތުގައި އެވާހަކަ ދެއްކުމަކީ ފާފައެކެވެ. ފޮޓޯއެއް މިޒަމާނުގައި ޝެއާ ކުރުމަކީ ވެސް އެއެއްޗަކީ ދޮގެއް ކަމުގައި ވަނީނަމަ އޭގެ ޒިންމާ ތިމާ އުފުލަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެން ލިޔާ އެއްޗެއްސާއި ދައްކާ ވާހަކަ ތަކާއި ކުރާ ކަންކަން ބަރާބަރަށް “ނޯޓުކުރައްވާ”މަލާއިކަތުން ތިއްބަވާކަން އަޅުގަނޑުމެންނަށް މިއަދު ހަނދާނެއް ނުހުރެއެވެ. ސަބަބަކީ “ފިތުނަ” އެވެ.

ވީމާ ތަނަކުން ފޮޓޯއެއް ފެންނަ އިރަށް އެއީ އަދި ޙަޤީޤަތެއް ކަމަށް ހީކޮށް އެވާހަކަތައް ފެތުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%