ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑިޒާސްޓާ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސްރީ ލަންކާގެ ކުންފުންޏަކާއެކު އިއްޔެ ސޮއިކޮށްފި އެވެ.
ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޑިޖިޓަލް ނިޒާމެއްގައި ސަރުކާރު ހިންގާއިރު ދިމާވާ ކާރިސީގެ ހާލަތެއްގައި ސަރުކާރުގެ އޮފީސްތަކުގެ މުވާސަލާތީ ވިއުގަ ހުއްޓިދާނެ ކަހަލަ ހާލަތެއްގައި، ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެ ގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް)ގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ.
އެންސީއައިޓީ އަށް ބޭނުންވާ ޑިޒާސްޓާ ރިކަވަރީ އެންޑް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަންކާގެ "ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީޒް ލިމިޓެޑް"އާ އެވެ. އެއީ، 1987 ވަނަ އަހަރުން ފެށިގެން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންސީއައިޓީގެ އިސްވެރިޔާ އަދި ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތެވެ. އަދި ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަނޭޝަނަލް ބިޒްނަސް، ކްރިޝާން ޕެރޭރާ އެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފަ އިވަނީ 45،525 ޑޮލަރަށް ހަތަރު މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށް ވާންޖެހެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ޕްލޭން އެކުލަވާލާއިރު 22 އަހަރުވެފައިވާ އެންސީއައިޓީގެ އިންފްރަސްޓްރަކްޗާގެ މި ވަގުތުގެ ހާލަތާއި ގުދުރަތީ ކާރިސާތަކާއި ސައިބާ ހަމަލާތަކާއި ކަރަންޓް ދިއުމާއި އަލިފާނުގެ ހާދިސާތަކާއި ގުޅޭ ރިސްކް އެސެސްމަންޓްތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކަހަލަ ޕްލޭނެއް ތަންފީޒުކުރުމާއި ގުޅޭ ގޮތުން މުވައްޒަފުންގެ ހުންނަން ޖެހޭ ހުނަރާއި އިންސާނީ ވަސީލަތް ތަރައްގީކުރަން ބޭނުންވާނެ ތަމްރީނުތައް ވެސް ކަނޑައެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ މަސައްކަތް ނިމުމުން ކާރިސާއެއްގެ ވަގުތުގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބޭނެ އެވެ.