ރައީސް މުޢިއްޒުގެ ބައްދަލުވުން ރެކޯޑަކަށް ވެއްޖެ

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 4 މޭ 2025 14:57
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ބޭއްވެވި 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި 300 އަށްވުރެ ގިނަ ސުވާލަށް ޖަވާބުދެއްވައި، ދުނިޔޭގެ ރެކޯޑެއް ޤާއިމްކުރައްވައިފި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުން ދުނިޔޭގެ ރެކޯޑަކަށް ވެ، މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން ބޭއްވި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު 15 ގަޑިއިރު ވަންދެން 300 އަށްވުރެ ގިނަ ސުވާލަށް ޖަވާބުދެއްވިއެވެ.

ހެނދުނު 10:00 ގައި ފެށުނު މި ބައްދަލުވުން ރޭ މެންދަމު ގާތްގަނޑަކަށް 1 ޖެހުމާ ހަމަޔަށް ކުރިޔަށް ދިޔައެވެ. ނަމާދު ވަގުތުތަކަށް 15 މިނެޓުގެ ހުސްވަގުތުކޮޅު ފިޔަވައި، ރައީސް މުޢިއްޒު ކޮޅަށް ހުންނަވައިގެން އެއްވެސް ފޫހިކަމެއް ނުވަތަ ވަރުބަލިކަމެއް ނެތި ސާބިތުކަމާއެކު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގެންދެވިއެވެ.

ޖުމްލަ 36 ނޫސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ނޫސްވެރިންނަށް ބޭނުން ކޮންމެ ސުވާލެއް ބޭނުން ދާއިރާއަކުން ކުރެއްވުމުގެ ފުރުޞަތު އެއްވެސް ހިފެހެއްޓުމެއްނެތި ދެވުނެވެ. މިއީ ރާއްޖޭގެ ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރުން، ދުނިޔޭގެ ރައީސަކު ވެސް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުންކަމަށް ބެލެވެއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމަކީ ދުނިޔޭގެ ރިކޯޑެކެވެ. ކުރިން މި ރެކޯޑު އޮތް ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީގެ 2019 ވަނަ އަހަރުގެ ބައްދަލުވުން ދެމިގެންދިޔައީ 14 ގަޑިއިރަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގިނަގިނައިން ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ވީހާވެސް ހާމަކަން ބޮޑުކޮށް މަޢުލޫމާތު ހާމަކުރުމަށް އިސްކަންދެއްވާ ކަމަށާއި، އެއީ މުހިންމު ސިޔާސަތެއްކަމަށް ވެސް ވިދާޅުވިއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%