މާލޭ ހީނާމާގެ ޕާކިން ސަރަހައްދުން އަނެއްކާވެސް ހަތަރު ބިދޭސީއަކު ހިފަހައްޓައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިއްޔެ މާލޭގެ ހީނާމާގެ ޕާކިން ސަރަހައްދުގައި އުޅުނު 11 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން ހަތަރު ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަންތަކެއް ހިންގައިފަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެތަނުން 17 ބިދޭސީއަކު ހިފެހެއްޓިއިރު, މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ވަނީ ފަސް ބިދޭސީއަކު ހިފަހައްޓައިފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން 6,000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.
ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ހަދާފައިވާ "އިމިގްރޭޝަން ވޮޗް"ގެ ޕޯޓަލަށް ވެސް މިހާތަނަށް ވަނީ 1,297 މައްސަލަ ރިޕޯޓްކޮށްފަ އެވެ.
ބިދޭސީން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް "އޮޕަރޭޝަން ކުރަނގީ"ގެ ނަމުގައި ވެސް ސަރުކާރުން އަންނަނީ ހަރަކާތެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި މިިހާތަނަށް ވަނީ 150،000 ބިދޭސީން އިނގިލީގެ ނިޝާން އާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި, ޑޭޓާބޭސް އަދާހަމަކޮށްފަ އެވެ.