އަރަބިއްޔާ ސްކޫލުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމަން މަސައްކަތްކުރާ ކަމަށާއި ގިނަވެގެން ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ވިދާޅުވީ އެ ސްކޫލް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ފައުންޑޭޝަން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި ފައުންޑޭޝަންގެ މަސައްކަތް ނިމި އަންނަ އަހަރު ނިމެންވާއިރަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި ގިނަވެގެން ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއަށް ވުރެ އަވަހަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރާނަން." ރައީސް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލް އެޅުމަށް ރަނގަޅު ސަރަހައްދަކުން ބޮޑު ބިމެއް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލް މިހާރު އިމާރާތްކުރަނީ ބޮޑުތަކުރުފާނު މަގުގައި މާލޭގެ ކުނިކޮށި ކުރިން ހުރި ބިމުގަ އެވެ.
އެ ސްކޫލްގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހު ހަވާލުކޮށްފައި ވަނީ އާރުސީސީއާ އެވެ. ދޮޅުއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރީ 152 މިލިއަން ރުފިޔާ އަށެވެ.
ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމި ނަމަވެސް, އެ މަސައްކަތް ލަސްވީ އިތުރަށް 80 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހި، އެ ފައިސާ ސަލާމަތްކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގައި 42 ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލަކާއި ހަތަރު ލިފްޓާއި ސްކޫލެއްގައި ހުންނަން ޖެހޭ ހުރިހާ ވަސީލަތަކާއި ހިދުމަތެއް ގާއިމްކުރާނެ އެވެ. ސަރުކާރުން މިހާރު ވަނީ އެ މަޝްރޫއުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް 10 ފުލޯގެ އިމާރާތެއް އަޅަން ނިންމައިފަ އެވެ.