ވޭތުވެދިޔަ އެމްޑީޕީގެ ވެރިކަމުގައި އުވާލުމުގެ ބިރުވެރިކަމާއި، ދަރިވަރުން "ރެފިއުޖީން" ގެ ގޮތުގައި އެކި ވަގުތީ ތަންތަނަށް ބަދަލުކުރަންޖެހުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް) ގެ އައު އިމާރާތުގެ މަސައްކަތް މިއަހަރުގެ ޑިސެންބަރު މަހުގެ މެދުތެރެއަށް މުޅިން ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ..
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި، މިހާރު ސްކޫލްގެ އައު އިމާރާތުގެ ގާތްގަނޑަކަށް %70 މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ. ވަޒީރު މިފަދައިން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސަރަޙައްދަށް ކުރެއްވި ޚާއްޞަ ޒިޔާރަތަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައިޓަށް ކުރެއްވި މި ޒިޔާރަތުގައި އިމާރާތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައި، އެތަނުގައި ކިޔަވަމުންދާ ބައެއް ދަރިވަރުންނާ ބައްދަލުކުރައްވައި އެކުދިންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ޖަވާބު ދެއްވާފައިވެއެވެ.
އެމްޑީޕީގެ ސަރުކާރުގައި ޢަރަބިއްޔާގެ ދަރިވަރުން އެހެން އިނގިރޭސި މީޑިއަމް ސްކޫލްތަކާ އެއްކޮށްލައި، އެ ސްކޫލްގެ ޚާއްޞަ ޢަރަބި އިސްލާމީ ޝަޚްޞިއްޔަތު ނައްތާލަން އުޅުނު ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ޢަރަބިއްޔާގެ ޢިއްޒަތާއި ޤަދަރު އަލުން އަނބުރާ ހޯދައިދިނުމެވެ. އެގޮތުން، މިހާރު ކުރިއަށްދާ އައު އިމާރާތުގެ މަޝްރޫޢަކީ ކުރީ (ޢާންމުންގެ ޕްރެޝަރުތަކާއި ހެދި) ކުރީ ސަރުކާރުން ބަޖެޓް ކަނޑައަޅައި ކުންފުންޏަކާ ހަވާލުކުރި ނަމަވެސް، އަމަލީ އެއްވެސް މަސައްކަތެއް ނުފެށި ދިގުލައިގެން ގޮސްފައި އޮތް މަޝްރޫޢެކެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އައު އިމާރާތް ނިމުމުން، ޢަރަބިއްޔާ ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ތަނަކަށް ބަދަލުކުރުމެވެ. މީގެ ކުރިން ދަރިވަރުން އެކި ބާ އިމާރާތްތަކުގައާއި ވަގުތީ ކްލާސްތަކުގައި ތަޙައްމަލުކުރި ދަތިތަކަށް މި މަޝްރޫޢާއެކު ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
އެމްޑީޕީގެ އިހުމާލުން ސަލާމަތްކޮށް، މި ސަރުކާރުން ބާރުދުވެލީގައި ބިނާކުރަމުންދާ މި އައު އިމާރާތާއެކު، ޢަރަބިއްޔާގެ ދަރިވަރުންނަށް އެންމެ ޒަމާނީ އަދި ރައްކާތެރި ތަޢުލީމީ މާޙައުލެއް ވަރަށް އަވަހަށް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.









