އާރަށު ދަތުރުތަކާއި މުލިއާގޭ ކެއުމަށް ހަރަދުވީ ހީކުރި ވަރަށްވުރެ ކުޑަ އަދަދެއް

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 4 މޭ 2025 09:17
އާރަށުގެ މަންޒަރެއް (2018)
އާރަށުގެ މަންޒަރެއް (2018)
ޚުލާސާ

އާރަށު 116 ދަތުރުގެ ތެލަށް ހަރަދުވީ 844,635 ރުފިޔާ. މުލިއާގޭ ކެއުމަ ހަރަދުވީ 741,258 ރުފިޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އާރަށު ދަތުރުތަކުގެ ތެލަށާއި މުލިއާގޭ ކެއުމަށް ހަރަދުވީ ހީކުރި ވަރަށް ވުރެވެސް މަދު އަދަދެއްކަން ރައީސް އޮފީހުން އާންމުކުރި ހިސާބު ތަކުން އެނގިއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ދުނިޔޭގެ ރެކޯޑް މުގުރައިލި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި، އާރަށު ދަތުރުތަކުގެ ތެލަށް ހަރަދުވީ 844,635 ރުފިޔާއެވެ. މުލިއާގޭ ކެއުމަ ހަރަދުވީ 741,258 ރުފިޔާއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު މިހާތަނަށް އާރަށަށް ވަޑައިގެންފައިވަނީ 116 ފަހަރުއެވެ. އޭގެ ތެރެއިން 85 ފަހަރު އެރަށަށް ވަޑައިގަތީ "ހަމައެކަނި ފުޓުބޯޅަ ކުޅެން" ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާއިލާއާއެކު އާރަށަށް ވަޑައިގެންފައި ވަނީ 31 ފަހަރު ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ އާރަށު ދަތުރުތަކުގައި، އެމަނިކުފާނުގެ ލޯންޗާއެކު އިތުރު ދެ ސެކިއުރިޓީ ލޯންޗު ދަތުރުކުރާ ކަމަށާއި، މި ތިން ލޯންޗުގެ ތެލަށް މިހާތަނަށް 844,635 ރުފިޔާ ޚަރަދުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ، ރައީސް ޑޮކްޓަރ މުޢިއްޒުގެ ކެއުމުގެ ޚަރަދުތަކާއި ގުޅޭ ބިލެއްގެ މައްސަލައަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެ ބިލަކީ ޞައްޙަ ބިލެއް ނޫން ކަމަށް ވިދާޅުވެ، އޭގެ ފޯމެޓްވެސް ތަފާތު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ހާމަކުރެއްވި ގޮތުގައި، މުލިއާގޭ ކެއުމަށް މިދިޔަ މަހުގެ ނިޔަލަށް ހަރަދުވީ ޖުމްލަ 741,258 ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު ޚަރަދުވި 565,703 ރުފިޔާއާއި މި އަހަރު ޚަރަދުވި 175,554 ރުފިޔާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%