ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު މިވާހަކަ އަނެއްކާ ވެސް ތަކުރާރު ނުކޮށް ހުރެވޭކަށް ނެތެވެ. އަޅުގަނޑުމެން މަގުމައްޗަށް ނުކުމެ ރާއްޖޭގައި ބައިޤަރުނާއި ކައިރިކުރަމުންދިޔަ ސަރުކާރެއް ބަދަލުކޮށްލީ ރައްޔިތުންނާއި ގާތުން ޚިދުމަތް ކުރާނެ ލާމަރުކަޒީ އޮނިގަނޑެއް އެކުލަވާލައި އެމަގުން ވެރިކަން ހިންގުމުގެ ބޭނުމުގައެވެ. ނޫ ޤާނޫނުއަސާސީ ފެހިކޮށް، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރާނެ ކައުންސިލަރުންތަކެއް އިންތިޚާބުކުރީ ރައްޔިތުންގެ ފައިދާއަށެވެ. އެހެންނަމަވެސް، ފެށުނީއްސުރެ މިފެންނަނީ އެ ކައުންސިލަރުންގެ ޙަޤީޤީ ބޭނުން އެންމެ ރަނގަޅަށް ނުހިފި، ރައްޔިތުންގެ ޓެކްސް ފައިސާކޮޅު ބޭކާރު ގޮތުގައި “ތަޅާލާ” މަންޒަރެވެ.
އެއް މަސައްކަތެއް ކުރާ ދެނަމެއް ކިޔާ ބަޔަކު ތިބެގެން ރައްޔިތުންގެ މާލިއްޔާތަށް ބުރަ ބޮޑުކުރާ ވާހަކައެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ ވާހަކައެވެ. އަތޮޅު ކައުންސިލެއް މިރާއްޖެއަކަށް ބޭނުމެއް ނުވެއެވެ. މި ކައުންސިލްތަކުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވާކަން އަޅުގަނޑުމެން ކުރި ސާވޭއަކުން އެނގޭއިރު، އެ ސާވޭގައި ބޮޑު އިންސައްތައެއް ޤަބޫލުކުރަނީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ ނަމުގައި އެއް މަސައްކަތްކުރާ އެތައް ބަޔަކު ތިބުމަކީ ޒަމާނުއްސުރެ ދައުލަތުގެ އެތެރޭގައި އޮތް މާފިޔާއެއް ކަމަށެވެ. އަޅުގަނޑު މީގެ ކުރިން 27 ފެބުރުއަރީ 2025 ގައި ވެސް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓެއްގައި މިކަމާއި ބެހޭގޮތުން ރިޕޯޓެއް ލިޔުނީމެވެ.
އަތޮޅު ކައުންސިލްތަކަކީ މައި ސަރުކާރާއި ރަށު ކައުންސިލްތަކާއި ދެމެދު މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ގަސްތުކުރި ކައުންސިލްތަކެކެވެ. ނަމަވެސް އެމީހުންގެ ދައުރުތައް ފުށުއަރައި، މަސައްކަތްތައް ތަކުރާރުވެ، ދައުލަތަށް އުފުލަން ކެރިކުޅަދާނަ ނުވާވަރުގެ ބޮޑު މާލީ ބުރައަކަށް ވެފައި ވާތީ، ރައްޔިތުންނަށް ހެޔޮ އެދޭ ފައިދާހުރި ވެރިކަމެއް ހިންގުމަށް ހުރަސްއަޅާ މި ކައުންސިލްތައް އުވައިލުން ނޫން އިތުރު ގޮތެއް ނެތެވެ. އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށުކައުންސިލްތަކުން ވެސް މި ބުރަ ދައުލަތަށް އެބަ ކުރިމަތިކުރުވައެވެ.
މިއީ ދޮގެއް ނޫންކަން އެ ކައުންސިލްތަކުގެ ފައިނޭންޝަލް އޮޑިޓްތަކުން އެހެރީ ފެންނާށެވެ. ވުމާއެކު، އަތޮޅު ކައުންސިލްތައް އުވާލައި، ރަށުކައުންސިލްތަކުގެ ޢަދަދު މަދުކުރުން އަވަސްކުރާން އެބަ ޖެހެއެވެ.
ކައުންސިލްތަކުގެ ނަމުގައި ދައުލަތް ލޫޓުވިޔަދޭން ރައްޔިތުން ޖާގަ ދޭކަށް ބޭނުމެއް ނުވެއެވެ. އަތޮޅު ކައުންސިލްތައް ވުޖޫދުގައި ހުރުމަކީ ގޯހެކެވެ. މިހާރުވެސް ލޯކަލް ގަވަރމެންޓަށް މިނިސްޓްރީއެއް ޤާއިމްވެފައި އޮތުމުން، އަތޮޅު ކައުންސިލްތަކެއް މުހިއްމެއް ނޫނެވެ. އަދި ވަކި ލޯކަލް ގަވަރމަންޓް އޮތޯރިޓީއެއް ހުރުން ވެސް މުހިންމެއް ނޫނެވެ. ކުރުކޮށް ދަންނަވަނީނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އުވައިލައި އެތަނުގެ މަސައްކަތްތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއެކު، އަތޮޅު ކައުންސިލްތައް ވެސް އުވައިލާންވީއެވެ. ބޭކާރު ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދައުލަތުން ފުރޭނިގެން ދާއިރު މިއީ ވިސްނަންޖެހޭ ކަންކަމެވެ.
ކައުންސިލްތަކަށް ތިޔަ އޮއްސާލަނީ އެތައް ބިލިއަން ރުފިޔާ
ރައްޔިތުން މިއުޅެނީ ހަމަޔަށް ބޭސްފަރުވާ ނުކުރެވިގެންނެވެ. ވީއިރު، ލޯކަލް ކައުންސިލްތަކަށް އަހަރަކު ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުން ބަލައެއް ނުގަނެވެއެވެ. ފާއިތުވި 5 އަހަރު ތެރޭގައި ގާތްގަނޑަކަށް 8.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިކަމުން ރައްޔިތުންނަށް އިތުރަށް ލިބުނީ ކޯއްޗެއްތޯ އެވެ. 2020 ވަނަ އަހަރު ސަރުކާރުން ލޯކަލް ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ކޮންމެ އަހަރަކު ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ދެމުންދާދިނުން ވެސް މުރާޖަޢާކުރާން އެބަ ޖެހެއެވެ.
ކައުންސިލްތަކަކީ ބޭންކު ތަކެއް ނޫން!
އަތޮޅު ކައުންސިލްތައް އުވައިލައި ރަށުކައުންސިލްތަކުގެ ޢަދަދަށް ބަދަލު ގެނައުމުން، ރައްޔިތުންގެ ޓެކްސް ފައިސާއިން އެތަންތަނަށް ޚަރަދުކުރާ ފައިސާ ތަރައްޤީގެ މަޝްރޫއުތަކާއި އިޖުތިމާއީ ޚިދުމަތްތައް ފަދަ އިތުރު ދާއިރާތަކަށް ބަހައިލުމަށް ސަރުކާރަށް ފަސޭހަވެ ހިންގުން ހަރުދަނާ ވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ނަޒާޙަތްތެރިކަމަށް ލޯބިކުރައްވާނަމަ މިކަން މިމަގުން ގެންދިއުމަށް ރުހި ޤަބޫލުވާށެވެ. އަދި ކައުންސިލްތަކަށް ވަންނަ ފައިސާ ސީދާ ދައުލަތުގެ މާލީ އިދާރާތެރެއަށް ވެއްދުމަށް ވެސް ޤާނޫނަށް ބަދަލު ގެންނާށެވެ. މިހާރު އޮންނަ އުޞޫލަކީ ކައުންސިލްތަކަށް ވަންނަ ފައިސާ ފިނޭންސް މިނިސްޓްރީއަށް ވަނުމުގެ ބަދަލުގައި ސީދާ މިދަނީ ކައުންސިލްތަކަށެވެ. މިއީ ގޯހެކެވެ. އެފައިސާ ކައުންސިލް ތަކަށް ވަންނާން ޖެހޭނީ ސީދާ ފިނޭންސް މިނިސްޓްރީ ތެރެއިންނެވެ. ކައުންސިލްތަކަކީ ބޭންކުތަކެއް ހެއްޔެވެ؟ ކުދިކުދި ސަރުކާތުތަކެއް ހެއްޔެވެ؟ އެފައިސާތައް ސީދާ ދައުލަތުގެ މާލީ އިދާރާތެރެއިން ލާފައި ގޮސް ކައުންސިލްތަކަށް ދާނަމަ ޤައުމުގެ ހިންގުން ވެސް އިތުރަށް ހަރުދަނާ ކުރެވޭނެއެވެ.
އެހެންކަމުން، މިދެންނެވި ޙަޤީޤަތްތަކަށް ވިސްނާލުމުން އަތޮޅު ކައުންސިލްތައް އުވާލައި ރަށުކައުންސިލްތަކުގެ ޢަދަދަށް ބަދަލު ގެނެސް، ކައުންސިލްތަކަށް ވަންނަ ފައިސާ އެންމެ ފުރަތަމަ ދައުލަތުގެ މާލީ އިދާރާތެރެއަށް ވެއްދުމަށް ވުރެ ޤައުމަށް ފައިދާހުރި ގޮތެއް ނެތެވެ!