ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވެއްޖެ

އަހްމަދު އީޒާން | 13 ގަޑިއިރު ކުރިން - 3 މޭ 2025 17:24
މަރުކަޒީ ބޭންކް، އެމްއެމްއޭގެ އޮފީސް އިމާރާތް / ފޮޓޯ: ޚުލާސާ
މަރުކަޒީ ބޭންކް، އެމްއެމްއޭގެ އޮފީސް އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ރައީސް ވިދާޅުވީ މިހާރު ރާއްޖޭގެ މާލީ ހާލަތު ހުރީ ރަނގަޅު ރާސްތާއެއްގައި ކަމަށާއި ރިޒާވް އިތުރުވަމުން އަންނަނީ ރަނގަޅު މިސްރާބަކަށް ކަމަށް.

ދިވެހި ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނައިރު، ރިޒާވް ވެސް ރަނގަޅު ރާސްތާއަކަށް ގެނެވިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް މި އަހަރުގެ މިހާތަނަށް 2.5 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދެއްކުމަށް 100 މިލިޔަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ރާއްޖޭގެ މާލީ ހާލަތު ހުރީ ރަނގަޅު ރާސްތާއެއްގައި ކަމަށާއި ރިސާވް އިތުރުވަމުން އަންނަނީ ރަނގަޅު މިސްރާބަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު، އެންމެ ދެ މިލިޔަން ޑޮލަރުގައި ހުރި ސޮވްރިން ޑިވޮލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މިދިޔަ މަހުގެ ނިޔަލަށް 121 މިލިޔަން ޑޮލަރު ޖަމާކުރެވިފައިވާ ކަމަށެވެ. އެއީ ބޭރުގެ ދަރަނިތައް ދެއްކުމަށް ޖަމާކޮށްފައިވާ ފައިސާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު، ދިވެހި ދައުލަތް އޮތީ ބޭރުގެ ލޯނުތަކަށް ވަރަށް ބޮޑަށް ދަރައި، މާލީ ހާލަތު ވަރަށް ނާޒުކު ހާލަތަކަށް ވެއްޓިފަ އެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ އެ ގޮންޖެހުންތަކާ އެކުގައި ވެސް ވަރަށް ގިނަ ދަރަނިތައް އަނބުރާ ދައްކައި، ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެތައް ފިޔަވަޅެއް އަޅައި ނަތީޖާ ދައްކައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%