މި ވެރިކަން އައުމާ ހަމައަށް ރައީސް އޮފީހުގެ ތެރެއިން ޖުޑިޝަރީއަށް ނުފޫޒު ފޯރުވި: ރައީސް

ހުސައިން އިސްމާއިލް | 13 ގަޑިއިރު ކުރިން - 3 މޭ 2025 16:52
ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން.
ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން.
ޚުލާސާ

ރައީސް އޮފީހުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މި ވެރިކަން އައުމާ ހަމައަށް ރައީސް އޮފީހުގެ ތެރެއިން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ޖުޑިޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި އެކަމަކީ އެމަނިކުފާނުގެ ޟަމީރު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގެ ތެދުވެރިކަން ސާބިތުކޮށްދެއްވުމުގެ ގޮތުން ޚަތިމުގައި އަތް ބީއްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީޢަތް އަލުން ފެށުމާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ފެށުނު ކަން އެމަނިކުފާނަށް އެނގިވަޑައިގަތީ މީޑިއާއިން ކަމަށެވެ. އަދި ބަންޑާރަ ނައިބު އޮފީހަކީ މިނިވަން އޮފީހެއްކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީނަކީ އެމަނިކުފާނު ވަރަށް އިޙްތިރާމްކުރައްވާ ބޭފުޅެއް ކަމަށާއި، ޔާމީނުގެ ސަރުކާރުގައި ޚިދުމަތްކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި ގިނަ މަސައްކަތްތަކެއް ކޮށް ނަތީޖާ ޙާޞިލުކޮށްދެވުނު ކަމަށެވެ. އަދި ރައީސް ޔާމީނު މިހާރު ގެކޮޅުގައި ހުންނެވީ ރައީސް މުޢިއްޒު ވެވަޑައިގަތް ވަޢުދު ފުއްދެވުމުން ކަންވެސް ހާމަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، "ހުސްނުއްސުޢޫދު ބުނެފިއްޔާ އެ ވާނީ ތެދަކަށްތޯ. ކޮން ހަމައަކުންތޯ. އަޒްމިރަލްދާ ވިޔަސް ދެން އެހެން ބޭފުޅެއްވިޔަސް. އެބޭފުޅުން ބުނީމަ ތެދަކަށްވެފައި އަޅުގަނޑު ބުނީމަ ދޮގަކަށް ވަންޏާ އެއީ ކިހިނެއްވާ ކަމެއްތޯ" ކަމަށެވެ. މިގޮތަށް ވިދާޅުވަމުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާކަން ޔަގީންކޮށްދެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%