ކުރީގެ ސަރުކާރުން ބޭރު ޤައުމުތަކާއެކު ވެފައިވާ އަސްކަރީ އެއްބަސްވުންތައް ނިމުމަކަށް ގެނެސް، ދިވެހިރާއްޖޭގައި މިހާރު ބޭރުގެ އަސްކަރިއްޔާގެ ބިރުވެރިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވައި، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ސަރުކާރުން ގަދައަޅައި މަސައްކަތްކުރައްވާނެކަން ރައީސް ވަނީ މިއަދު ތަކުރާރު ކުރައްވާފައެވެ. މި ހަރުދަނާ ފިޔަވަޅަކީ ބޭރުގެ އަސްކަރީ ވުޖޫދާ ގުޅޭގޮތުން، ޚާއްޞަކޮށް އިންޑިއާގެ އަސްކަރީ ވުޖޫދާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.
މިގޮތުން އެޅުއްވި އެއް މުހިންމު ފިޔަވަޅަކީ 2019 ވަނަ އަހަރު އިންޑިއާއާއެކު ވެފައިވާ ހައިޑްރޯގްރަފިކް ސަރވޭގެ އެއްބަސްވުން އައުނުކުރެއްވުމެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ނޭވީން އެމްއެންޑީއެފްއާ ގުޅިގެން ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ސިފަތައް ދެނެގަތުމަށް ސަރވޭތައް ކުރިއެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ކަނޑުއަޑީގެ ހުރިހާ މަޢުލޫމާތަކީ ދިވެހިރާއްޖޭގެ މުދަލާއި ތަރިކަކަމަށާއި، ކަނޑުގެ ވަސީލަތްތައް މިނިވަންކަމާއެކު ބެލެހެއްޓުމުގެ ޙައްޤު ދިވެހިރާއްޖެއަށް ލިބިގެންވާ ކަމަށެވެ.
ކުރީގެ އެމްޑީޕީގެ ވެރިކަމުގައި ފެށުނު "އިންޑިއާ އައުޓް" ކެމްޕެއިނަކީ އެސަރުކާރުގެ ކޮންޓްރޯލް ގެއްލި ބޭރުގެ އަސްކަރީ ނުފޫޒު ރާއްޖެއަށް ގަދަވުމާއި ދެކޮޅަށް ކުރި ކެމްޕޭނެކެވެ. މި ޝުޢޫރުތަކާ އެއްގޮތަށް ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި ބިމުން ބޭރުގެ އަސްކަރީ ބާރުތައް ނެރުއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުން ވަނީ އިންޑިއާގެ އަސްކަރީ މީހުން މުޅީން ނެރެ ހުސްކޮށްލާފައެވެ. އަދި މެޑިކަލް އިވެކުއޭޝަން ހެލިކޮޕްޓަރުތައް ފަދަ މުހިންމު ޚިދުމަތްތައް ހިންގުމަށް އަސްކަރީ މީހުންގެ ބަދަލުގައި އާންމު ފަންނީ މާހިރުން ގެނައިކަން ފާހަގަ ކުރެވެއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒުގެ ސަރުކާރުން ކުރީގެ ސަރުކާރުތަކުން ވެފައިވާ 100 އަށްވުރެ ގިނަ އެއްބަސްވުން މުރާޖަޢާކުރިކަން ވެސް ފާހގަަކުރެވެއެވެ. މިއީ އެ އެއްބަސްވުންތައް ޤައުމުގެ މަޞްލަޙަތާއި އެއްގޮތްވޭތޯ އަދި މިނިވަންކަން ދެމެހެއްޓޭތޯ ބެއްލެވުމަށެވެ.