ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދެކުނު އޭޝިއާގެ ދެވަނަ މަގާމް ރާއްޖެއަށް ލިބުން

ޢަބްދުﷲ ޖުނައިދު | 19 ދުވަސް ކުރިން - 3 މޭ 2025 11:58
މުޒާހަރާއެއްގެތެރެއިން ނޫސްވެރިޔަކު ޚިޔާލުފާޅުކުރަނީ: ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދެދަރަޖަ ކުރިޔަށް ޖެހިލައިފި.
މުޒާހަރާއެއްގެތެރެއިން ނޫސްވެރިޔަކު ޚިޔާލުފާޅުކުރަނީ: ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދެދަރަޖަ ކުރިޔަށް ޖެހިލައިފި.
ޚުލާސާ

ނޭޕާލްގެ ފަހަތުން ރާއްޖެއަށް ދެވަނަ ލިބިފައިވާއިރު، މިސަރަޙައްދުގެ އެންމެ ގަދަ އެއް ބާރުކަމަށްވާ އިންޑިއާ އޮތީ ފުލުން ދެވަނައިގައި.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަ ކުރާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ ދެދަރަޖަ މައްޗަށް ގޮސް 104 ވަނައަށް އަރައި ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ މިނިވަން މީޑިއާ އޮންނަ ޤައުމަކީ މި ރާއްޖެއެވެ. ދިބެހި ލޭ ހިނގާ ނޫސްވެރިން ބޭނުންވަނީ ދެވަނަ ދަރަޖައެއް ނޫނެވެ. އެއްވަނަ ދަރަޖައެވެ. ޚިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ލޭ ހިނގާ ހުރިހާ ނޫސްވެރިންނަށް މަރުޙަބާ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ނެރުނު އެންމެ ފަހުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެ ވަނީ މުޅި ދުނިޔޭގެ 106 ވަނައިގައެވެ.

މި ބައްރުގެ ޤައުމުތަކުގެ ތެރެއިން އެންމެ މަތީގައި އޮތީ ނޭޕާލެވެ. ނޭޕާލް ވަނީ މުޅި ދުނިޔޭގެ 74 ވަނައަށް އަރާފައެވެ.

ރާއްޖޭގެ ފަހަތުން ބޫޓާން އޮތީ 147 ވަނައިގައެވެ. ސްރީލަންކާ އޮތީ 150 ވަނައިގައެވެ. އެ ޤައުމުގައި އަދިވެސް މީޑިއާގެ މިނިވަންކަމަށް ހުރަސްތަކާއި ނޫސްވެރިންގެ ރައްކާތެރިކަމާއި ގުޅޭ މައްސަލަތައް ހުރިކަން ފާހަގަކުރެވެއެވެ. ޕްރަބާކަރަންގެ ދުވަސްވަރު ލަންކާ އަކީ ވަރަށް ގިނައިން ނޫސްވެރިން ގެއްލުވާލުމާއި ވަގަށް ނެގުން ފަދަ ހާދިސާތައް ހިނގި ޤައުމެކެވެ.

މިސަރަޙައްދުގެ ނިއުކްލިއަ ބާރެއް އޮތް މުސްލިމު ސަރުކާރެއް އޮންނަ ޕާކިސްތާން އޮތީ 152 ވަނައިގައެވެ. އެ ޤައުމުގައި ނޫސްވެރިންނަށް ފުރައްސާރަކުރުމާއި، ނޫސްވެރިންގެ ސަލާމަތާއި ގުޅޭ މައްސަލަތައް އޮތްކަން ފާހަގަކުރެވެއެވެ. ނިއުކްލިއާ އަނެއް ބާރު ކަމަށްވާ އަދި ޑިމޮކްރަސީގެ ބައްޕަ ކަމަށް ދަޢުވާ ކުރާ އިންޑިއާ އޮތީ ލިސްޓުގެ އެންމެ ފުލުން ދެވަނައަށް 159 ވަނައިގައެވެ. އެންމެ ފުލުގައި އޮތީ ބަންގްލަދޭޝް އެވެ. ބަންގްލަދޭޝް އޮތީ 165 ވަނައިގައެވެ. މިއީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ދަށް ދަރަޖައެވެ. އަފްޣާނިސްތާން ފިޔަވައި އެހެން ހުރިހާ އަވައްޓެރި ޤައުމުތަކަށްވުރެ ބަންގްލަދޭޝް ވަނީ ފަހަތަށް ޖެހިފައެވެ.

ކޮންމެޔަކަސް، މިވާހަކަ މި ހިމަނައިލީ ރާއްޖެ ތަމްސީލުކުރާ ދެކުނު އޭޝިއާ ރީޖަންގައި ނޫސްވެެރިކަމުގެ މިނިވަންކަން ހުރިނެތްގޮތަކީ އެނގެން ޖެހޭ މުހިންމުނކަމަކަށް ވާތީއެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 106 ވަނައިގައެވެ. 104 އަށް ރާއްޖެ ދިޔުން މިއީ ހަގީގަތުގައި ކުޑަ ކުރިއެރުމެކެވެ.

ނޫސްވެރިކަމުގެ އިނާމް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި؛ ރާއްޖެ ޓީވީގެ ނޫސްވެރިން، މިނިވަން ނޫސްވެރިކަން ނެތްކަމަށް ބުނެ މީޑިއާ މިނިވަންކުރުމަށް ގޮވާލައި އިޙްތިޖާޖް ކުރަނީ އޮކްޓޫބަރު 11، 2017.

އާރްއެސްއެފްގެ “ލޮލުން ބަލާނަމަ”، މިއަހަރުގެ މި ކުޑަ ކުރިއެރުމުން ދައްކުވައިދެނީ މަޑުމަޑުން ކުރިއަށްދާކަމެވެ. ނަމަވެސް ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އަދިވެސް އޮތީ ނާޒުކު ޙާލަތެއްގައެވެ. ޚާއްޞަކޮށް ސިޔާސީ ނުފޫޒާއި ނޫސްވެރިންނަށް ކުރިމަތިވާ ޤާނޫނީ ހުރަސްތަކުގެ ސަބަބުންނެވެ. މިސާލަކަށް ދަންނަވާނަމަ ސިޔާސީ ބޭފުޅަކު ހިންގާ މީޑިއާއެއްގައި ނުވަތަ އަމިއްލަ ބައެއް ޗެނަލްތަކުން ގެނެސްދޭ ކޮންޓެންޓްތައް ފަރުމާ ކޮށްފައި ވަނީ ހަމައެކަނި އެއްފަރާތް ގެނެސްދިނުމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ފަހަރެއްގައި ވެސް އެއްފަރާތް ގެނެސްދީ ފިތުނަ އުފެއްދުމެއް ނޫނެވެ. އެކަން މިނިވަން ނޫސްވެރިން ހަނދާން ބަހައްޓަން އެބަ ޖެހެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި (ސިޔާސީ ޕާޓީތައް އުފެދުމަށްފަހު) ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ 2009 ވަނަ އަހަރުއެވެ. އެފަހަރު ރާއްޖެ އަރާފައިވަނީ 51 ވަނައަށެވެ. އެންމެ ދަށް ދަރަޖައަކަށް ރާއްޖެ ވެއްޓުނީ 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު ރާއްޖެ ވެއްޓުނީ 120 ވަނައަށެވެ. މިއީ ނޫސްވެރިން މެރުމާއި، ނޫސްވެރިންނަށް އަނިޔާ ކުރުމާއި، މީޑިއާ ކުންފުނިތަކަށް ބިރުދެއްކުމާއި، ހުޅުޖެހުމާއި އަންދާލުން އަދި ޤާނޫނީ ބިރުދެއްކުމާއި، ނޫސްވެރިން ހައްޔަރުކުރުން އާންމުވެފައިވާ ދުވަސްވަރެކެވެ.

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަޖަ ބަދަލުވަމުން ގޮސްފައިވަނީ ސިޔާސީ ބަދަލުތަކާ ވެސް ގުޅިގެންނެވެ. މިނިވަންކަން ބޮޑު ސަރުކާރުތަކުގައި ނޫސްވެރިކަން ވެސް ކުރިއަރާފައިވާއިރު، “ފިއްތާފައިވާ” ވެރިކަންތަކުގައި ނޫސްވެރިކަން ފަހަތަށް ޖެހިފައިވެއެވެ. އެކަން 2018 ވަނަ އަހަރު ވާނީ ފެނިފައެވެ.

މިއަހަރު ރާއްޖެއަށް ދެދަރަޖައިގެ މި ކުރިއެރުން ލިބުނު ނަމަވެސް އަދިވެސް ރާއްޖެ ހިމެނެނީ ނޫސްވެރިކަން ކުރަން ބޭނުންވާ މީހުންނަށް އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ. އާރްއެސްއެފް އިން ވަނީ ރާއްޖޭގެ ދަރަޖަ އިތުރަށް މައްޗަށް ނުދާ ސަބަބުތަކެއްވެސް ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ހެއްކާ ބެހޭ ޤާނޫނު އަދިވެސް އިޞްލާޙް ކޮށްފައި ނުވާކަން ހިމެނެއެވެ. މި ޤާނޫނަށް 2023 ވަނަ އަހަރު ގެނެވުނު ބަދަލާއި ގުޅިގެން ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ހަމަޖެހުނެވެ. މީގެ ސަބަބުން 2023 ވަނަ އަހަރު ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓުނެވެ.

މީގެއިތުރުން، ސަރުކާރަށް ކޮންޓްރޯލް ލިބޭ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދަން އަމިއްލަ މެމްބަރަކު ހުށަހެޅުއްވި ބިލެއްގެ މައްސަލަވެސް އާރްއެސްއެފް އިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެ ބިލަށް ތައީސް ޑރ. މުޢިއްޒު ވަނީ ސީދާ ނޫނެކޭ ވިދާޅުވެފައިކަން ފާހަގަ ކުރެވެއެވެ.

ކޮންމެޔަކަސް، ރައީސް މުޢިއްޒުއާއި ރައީސް ނަޝީދަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތުދެއްވާ ރައީސުންކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ.

2018 ވަނަ އަހަރުން ފެށިގެން ސަރުކާރުން މީޑިއާތަކުގެ މާލީ މިނިވަންކަމަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް ބައިނަލްއަޤްވާމީ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

ދިވެހި ނޫސްވެރިންނަށް ބޭނުންވަނީ ޒިންމާދާރު ކަމާއެކު މަޢުލޫމާތު ފޯރުކޮށްދެވޭނެ ސިސްޓަމެކެވެ. ޚިޔާލުފާޅުކުރުމަކީ ވަކި ޙުދޫދެއްގެ ތެރެއިން އޮންނަން ވާނެ ކަމެއް ވެސް މެއެވެ. ތިމާ ލިޔާ ލިޔުންތައް ލިޔުއްވާނޭ މަލާއިކަތުން ވެސް ވާނެ ކަމަށް ޤަބޫލު ކުރުން އެއީ ނޫސްވެރިން އީމާންވާން ޖެހޭނެ ކަމެކެވެ. ނޫސްވެރިޔަކަށް ވީތީއޭ ބުނެ އަބުރު ކަތިލުން ހުއްދަ ވެގެނެއް ނުވެއެވެ. އެކަމުގައި ސަރުކާރުތަކުން ނޫސްވެރިޔާ ޖަވާބުދާރީ ނުކުރުވިޔަސް، ޖަވާބުދާރީކުރުވާނެ ދުވަހެއް އަންނާނެއެވެ. މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދަން މަސައްކަތްކުރާ އިސްލާމީ ނޫސްވެރިން (ދިވެހި ނޫސްވެރިން) ހަނދާންކުރަންޖެހޭ އަދި ހަނދާނުގައި ބަހައްޓަންވީ ކަމެކެވެ. ނޫސްވެރިން ލިޔާ ލިޔުމުގައި އިސްތިއުފާ އަށް ވެސް ގޮވަން ވީއެވެ. އެ މިނިވަންކަން ސަރުކާރުތަކަށް ނިގުޅައެއް ނުގަނެވޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%