ހުޅުމާލެ ސިޓީ ހޮޓެލް ހިންގުން ބަޔަކާ ހަވާލުކޮށްފި

އަހްމަދު އީޒާން | 13 ގަޑިއިރު ކުރިން - 2 މޭ 2025 20:04
ހުޅުމާލޭގައި ހަދަމުން އަންނަ ސިޓީ ހޮޓެލް / ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ހަދަމުން އަންނަ ސިޓީ ހޮޓެލް / ފޮޓޯ: އެޗްޑީސީ
ޚުލާސާ

ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ ސިޓީ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަން ހިންގަން ހަވާލުކުރީ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ.

އެސްޓީއޯ އިން ހުޅުމާލޭގައި ހެދި ސިޓީ ހޮޓެލް ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ އެޗްޑީސީން މިއަދު ހަވާލުކޮށްފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ ސިޓީ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގެ ހިންގުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުމަށް މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ ހޮޓަލުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭ ގޮތަށް ހަދާ އެ ހޮޓެލް، "ވޯލްޑް އޮފް ބިޒްނަސް"އާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެ މަސައްކަތާ ކުރިން ހަވާލުވި އެސްޓީއޯއާ އެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށް ފަހުގައި ކަމަށެވެ.

އެ ނޫސްބަޔާނުގައި ބުނި ގޮތުގައި، އެ ސިޓީ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް)ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އާއި ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހަދާނެ އެވެ. އެ ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގަ އެވެ. އަދި އެ ހޮޓަލުގެ ބާކީ އޭރިއާގައި ފަސް ތަރީގެ ސްޓޭންޑާޑުގެ 158 ކޮޓަރި ތަރައްގީކޮށް، 9 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ، ރާއްޖެ ޒިޔާރާތްކުރާ ޓޫރިސްޓުންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެއް ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ހުޅުވަން ހަމަޖެހިފައިވާ އެ ހޮޓެލް "ވޯލްޑް އޮފް ބިޒްނަސް" އިން ހިންގުމަށް ހަމަޖެހިފައި ވަނީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ އެކުގައި ކަމަށާއި އެ މަޝްރޫއަށް އިންވެސްޓުކުރަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%