މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ކުރި އެކްސް ޕޯސްޓުގައި ވާގޮތުން، މާލޭ އުސްފަސްގަނޑާ ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 23:30 ގައެވެ. މި ހަރަކާތް ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓު ވަންދެނެވެ.
މި ހަވާ އެރުވުމަކީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެކެވެ. ސިފްކޯއިން މީގެ ކުރިން ވެސް މި އުސޫލުން އަމިއްލަ ފަރާތްތަކަށް ހަވާ އަރުވައިދީފައިވާކަން ފާހަގަކުރެވެއެވެ.