ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކަޅުބިލަމަހުގެ ދުވަހާއި ގުޅުވައިގެން ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައެވެ.
ރައީސް ވަނީ މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.
މިއަހަރުގެ ޝިޢާރުގައި ވެސް ވަނީ މަސް ގިނަވާނީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމުންނެވެ. ވޯލްޑް ޓޫނާ ޑޭ އަކީ ކޮންމެ އަހަރެއްގައިވެސް މާޗް 2 ގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކަޅުބިލަމަހުގެ ދުވަހެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރީ 2016 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރަކު ވެސްމި ދުވަސް ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގައި، ރައީސް ޑރ. މުޢިއްޒުގެ މި ސަރުކާރުން ވަނީ ޒިންމާދާރު މަސްވެރިކަން ބެލެހެއްޓުމަށް ސިޔާސަތުތަކެއް ތަންފީޒުކޮށްފައެވެ. އެމަނިކުފާނުގެ ސަރުކާރުން ވަނީ ތިމާވެއްޓާ ރައްޓެހި އަދި ކާބަފައިން ގެންގުޅުއްވި އާދަކާދައާ އެއްގޮތް ގޮތެއްގައި ކުރާ ދޮށީގެ މަސްވެރިކަމަށް އެހީތެރިކަން އިތުރުކޮށްފައެވެ. އެގޮތުން ފަސޭހައިން ލޯނު ލިބުމާއި، ސަރުކާރުގެ ސްކީމްތަކުން މަސްވެރިންނަށް ފުރުސަތު ދިނުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދީ، އެސްޓީއޯގެ އަގުގައި ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ތެޔޮ ލިބޭނެ ހޮތް ހަމަޖައްސައިދިނުން ހިމެނެއެވެ. މީގެ އިތުރުން، މަސްވެވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދެމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.
މި ސަރުކާރުން ދިވެހި މަސްވެރިން ދަންނާނެ ކަމާއި މަސްވެރިންގެ ކުރިއެރުމާއި ލާބައަށް މަސައްކަތް ކުރާނެ ބައެއްކަން ފާހަގަ ކުރެއްވުމުގެ ގޮތުން ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރައްވާނެ އެއް ކަމަކީ މަސްވެރިންގެ ދަފުތަރު އުފެއްދުމެވެ.