އިސްރާއީލްގައި އިއްޔެ އަލިފާން ރޯވެ މުޅި ގައުމު އެލާޓުގައި އޮއްވާ ކުއްލިޔަކަށް ވައިބާރުވެ ވެލީގެ ތޫފާނަކާއި ކުރިމަތިލާން ޖެހި ހާލަތު އިތުރަށް ގޯސްވެއްޖެއެވެ.

އިސްރާއީލަށް އަރައިގެން އުޅޭ ވެލީގެ ތޫފާން / ފޮޓޯ: އިންޑިއާ ޑޮޓްކޮމް
އިސްރާއީލުގެ ދެކުނަށް ވެލީގެ ތޫފާން އައިއިރު، ޖެރޫސަލަމް ކައިރީގައި އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގުމާއި ގުޅިގެން އެ ޤައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. މި ދެ ކާރިސާގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ އެމީހުންގެ ގެތަކުން ނެރެ ސަލާމަތްކުރެވިފައި ކަމަށް ހަބަރުތައް ބުނެއެވެ.
އިސްރާއީލުގެ ދެކުނަށް އެރި ބޮޑު ވެލީގެ ތޫފާނުގެ ސަބަބުން ނެގެވް ސަޙަރާއާއި ބިއަރޝީބާ ސިޓީގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ވައި ތަޣައްޔަރުވެފައިވާކަމަށް ބުނެވެއެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ސިފައިންގެ މަރުކަޒުގައި ތިބި ސިފައިން ވެލީގެ ތޫފާނުން ތެރޭގައި ދޮރުތައް ބަންދުކުރަން މަސައްކަތްކުރި މަންޒަރު ފެނިފައިވެއެވެ.
އަނެއްކޮޅުން، ޖެރޫސަލަމް ކައިރީގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެތައް ރަށްތަކެއްގެ ރައްޔިތުން ވަނީ އެހެން ތަންތަނަށް ބަދަލުކުރެވިފައެވެ. އަދި ޓެލްއަވީވާއި ޖެރޫސަލަމް ގުޅުވައިދޭ މައި މަގު ވެސް ވަނީ ބަންދުކުރެވިފައެވެ. މި އަލިފާނުގެ ހާދިސާތަކުގައި މަދުވެގެން އަލިފާން ނިއްވާ 17 އަލިފާން މީހުންނަށް އަނިޔާވެ، 20 އަށްވުރެ ގިނަ މީހުން ދުމުގެ ސަބަބުން ހޮސްޕިޓަލުގައި މިހާރު ފަރުވާ ހޯދަމުންދާކަމަށް ބުނެވެއެވެ.

އިސްރާއީލުގެ ޖަންގަލިތަކުގައި ރޯވަމުންދާ އަލިފާން / ފޮޓޯ: ޖެރޫސެލަމް
ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ މި ހާދިސާތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އަލިފާނުގެ ސަބަބުން ޖެރޫސަލަމަށް ނުރައްކާވެދާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަލިފާން ނިއްވުމަށް 120 އަށްވުރެ ގިނަ ޓީމު މަސައްކަތްކުރަމުންދާއިރު، އިޓަލީ، ކްރޮއޭޝިއާ އަދި ސައިޕްރަސް ފަދަ ޤައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.









