އިސްރާއީލުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ މުޅި އިސްރާއީލުގައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ. ރައްޔިތުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
އަލިފާނާއި ކަޅު ދުމުގެ އަސަރުކޮށްގެން 40 މީހަކަށް ހޮސްޕިޓަލްތަކުން ފަރުވާ ދެމުންދާއިރު 16 ވަރަކަށް މީހުންނަށް ފަރުވާ ދެމުންދަނީ އެޑްމިޓް ކޮށްގެންނެވެ. އޭގެތެރޭގައި އަލިފާން ނިއްވަން އުޅުމުގެތެރޭގައި ދުމުގެ އަސަރު ކޮށްގެންނާއި، ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުން ވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.
އިސްރާއީލްގެ ޚަބަރުތައް ބުނާ ގޮތުގައި މެދުތެރޭގައި ހުންނަ މިލިޓަރީ ޕޯސްޓެއްގައި ވެސް އަލިފާން ރޯވެފައި ވެއެވެ. އަދި ބައެއް ހަތިޔާރުތައް ވަނީ އަނދާފައެވެ. ނަމަވެސް އޭގެ ތަފްޞީލެއް ހާމައެއް ނުކުރެއެވެ.
މި އަލިފާން ފެތުރެމުންދާ ސަރަޙައްދުތަކުގައި ހުރި ގޭގެއިން އެތައް ހާސް މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. ގިނަ މީހުން އެމީހުންގެ ގެތައް ދޫކޮށްލާފައި ދަނީ ރޮއެ ހޭރެމުންނެވެ. އިސްރާއީލުގެ އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކުގައި އަލިފާން ވަރަށް ބޮޑަށް ފެތުރެމުންދާއިރު އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެ އާލާތްތައް ގާތްގަނޑަކަށް މުޅިން ހުސްވެފައި ވާތީވެ ޔޫރަޕްގެ ޤައުމުތަކުން މިހާރު ދަނީ އަލިފާން ނިއްވުމުގައި ބައިވެރިވަމުންނެވެ.

އިސްރާއީލުގައި ފެތުރެމުންދާ އަލިފާން ނިއްވުމުގައި ހެލޮކޮޕްޓަރެއް ޙަރަކާތްތެރިވަނީ / ފޮޓޯ: އިސްރާއީލް
އަލިފާން ކޮންޓުރޯލް ކުރުމުގައި އުނދަގޫ ވެގެން އުޅެނީ މޫސުމާއި ވައި ގަދަވުމުގެ ސަބަބުން އަލިފާން އިތުރަށް ފެތުރެމުންދާތީ ކަމަށް މަސްދަރުތައް ބުނެއެވެ.
ބައެއް ސަރަޙައްދު ތަކުގައި ކަރަންޓު ކެނޑި، މަގުތައް ބަންދުކޮށް ދަތުރުފަތުރު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އަދި ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ނޭވާ ލުމަށް ވެސް ވަނީ އުނދަގޫވެފައެވެ.
އަލިފާނުގެ މި ހާދިސާތައް ހިނގަން ދިމާވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. އަލިފާން ނިއްވުމަށް ބައިނަލްއަގްވާމީ އެހީއަށް އެދިފައިވާއިރު، އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ޖެރޫސަލަމްގެ ވާދީތަކުގައި ރޯވި މި އަލިފާންގަނޑުގެ ސަބަބުން ގުދުސް އާއި ޓެލް އަވީވް އާއި ދެމެދު އޮންނަ މުހިންމު ރޫޓް 1 ހިމެނޭ ގޮތަށް ބައެއް ހައިވޭތައް ވެސް މިހާރު ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށް އިސްރާއީލްގެ ރޭޑިއޯއިން ބުނެއެވެ.
ފެތުރެމުންދާ އަލިފާނުގެ ސަބަބުން އިސްރާއީލް ޒައެނިސްޓުން ފާހަގަކުރާ މެމޯރިއަލް ޑޭ އާއި އިންޑިޕެންސް ޑޭ ގެ ހަރަކާތްތައް ވެސް މިހާރު ވަނީ ކެންސަލް ކޮށްފައެވެ. އެމީހުންގެ މެމޯރިއަލް ޑޭ އަކީ އަންނަ އަންގާރަ ދުވަހެވެ. ޖެހިގެން އަންނަ ބުދަ ދުވަހަކީ އެމީހުންގެ މިނިވަން ދުވަހެވެ.









