ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ބަދަލުތަކެއް ގެނެސް، މިއަދުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ފަރާތަކުން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. މި ކާޑު ފުރިހަމަކުރަންޖެހޭނީ ތައިލެންޑަށް އެތެރެވުމުގެ ކުރިންނެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، މި އޮންލައިން ފޯމު ފުރުމަށް އެ މިނިސްޓްރީން ވަނީ ވަކި ލިންކެއް ދީފައެވެ. އަދި ދަތުރު ފެށުމުގެ ތިން ދުވަހުގެ ކުރިން މި ފޯމު ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ބަދަލާއި ގުޅިގެން، ރާއްޖެއާއި ތައިލެންޑާއި ދެމެދު ހަމަޖެހިފައިވާ ވިސާގެ އިންތިޒާމުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން، ކުރިއެކޭ އެއްފަދައިން ދިވެހިންނަށް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރުކުރެވޭނެއެވެ.
ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން، ރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި ރާއްރާއްޖެއިން ބޭރުގައި އުޅޭއިރު އެ ޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.