ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މަގުބޫލު ސަރަހައްދެއް ކަމަށްވާ ޗަޓުޗަކް ޑިސްޓްރިކްޓްގައި ހުންނަ ބާއެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 27 މީހުން މަރުވެ، 22 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
"ރޮންގް ބީލް ނާ ލަޓް ޕްރާއޯ" ނަމަކަށް ކިޔާ މި ބާގައި އަލިފާން ރޯވީ އާދީއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އަލިފާން ރޯވާން ފެށީ ސްޓޭޖް ކައިރިންނެވެ. އަދި ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުޅި ތަނަށް އަލިފާން ފެތުރި، ކަރަންޓު ކެނޑި، ދުމުން މުޅި ސަރަހައްދު ވަނީ ބަންދުވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާންގަނޑުގެ ތެރެއިން މީހުން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔައިރު، ބައެއް މީހުންގެ ހަށިގަނޑުގައި ވަނީ އަލިފާން ރޯވެފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 18 އަންހެނުންނާއި 9 ފިރިހެނުން ހިމެނެއެވެ. މީގެ އިތުރުން 60 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 22 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަލިފާން ނިއްވާ މީހުންނަށް ގިނަ މީހުންގެ ހަށިތައް ފެނިފައިވަނީ އެތަނުގެ ފާހާނާތަކުގެ ތެރޭގައި ތިއްބައެވެ. ބެލެވޭ ގޮތުގައި އެމީހުން ފާހާނާއަށް ވަނީ އަލިފާނުން ސަލާމަތްވާން ބޯހިޔާވަހިކަން ހޯދުމަށެވެ.
ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް މިއަދު ހެނދުނު އެ ސަރަހައްދަށް ޒިޔާރަތް ކުރައްވައި ވިދާޅުވީ، ހާދިސާ ހިނގިއިރު ޕާފޯމް ކުރަން ހުރި މިއުޒީޝަނަކު މައުލޫމާތު ދިން ގޮތުގައި، ބާރުގަދަ ގޮވުމެއްގެ އަޑަށްފަހު މުޅި ތަނަށް އަލިފާނާއި ދުން ފެތުރިގަތީ ކަމަށެވެ. ބެންކޮކްގެ ގަވަރުނަރު ޗަޓްޗާޓް ސިއްތިޕަންޓް ވިދާޅުވީ، ބާގެ ސީލިންގުގައި ހުރި އަލިފާން ހިފާ ފަދަ ޒީނަތްތެރިކުރުމުގެ ސާމާނުގެ ސަބަބުން އަލިފާންގަނޑު އަވަހަށް ފެތުރިގެން ދިޔައީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އިމަޖެންސީ އެގްޒިޓް ކައިރީގައި ބައެއް މީހުން ހޭނެތިފައި ތިއްބާ ފެނުމުން، އެތަން ބަންދުވެފައި ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބެންކޮކްގެ ޑިޒާސްޓަރ މިޓިގޭޝަން ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، އިބްތިދާއީ ތަހުގީގުން ދައްކަނީ އެއާކޮންޑިޝަނެއްގެ ކަރަންޓު ޝޯޓެއްގެ ސަބަބުން އަލިފާން ރޯވި ކަމަށެވެ. ނަމަވެސް ރަސްމީކޮށް ވަކި ސަބަބެއް އަދި ކަނޑައެއް ނާޅައެވެ. މިއީ ތައިލެންޑްގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވާއިރު، ރައްކާތެރިކަމުގެ މިންގަނޑުތައް ހަރުދަނާ ކުރާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެ ގަވާއިދުތަކަށް އަމަލުކުރުން އަދިވެސް އޮތީ ދަށް ފަންތިއެއްގައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ފޮރެންސިކް ޓީމުތަކުން ދަނީ އިތުރު ތަހުގީގުތައް ކުރަމުންނެވެ. މިއަދު ހެނދުނު އެ ސަރަހައްދުން ފެންނަން އޮތީ އަނދައި އަޅިއަށްވެފައިވާ މަންޒަރުތަކަކާއި، ބާގެ ބޭރުގައި އަތުރާފައިވާ ގިނަ އަދަދެއްގެ މަރުވެފައިވާ މީހުންގެ ހަށިތައް އަޅާފައިވާ ކޮތަޅުތަކެވެ.









