ތައިލޭންޑުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް މި އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް ގެޒެޓުކުރުމާ ގުޅިގެން، އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ނިންމާފަވުމާއެކު، އެ ދުވަހުން ފެށިގެން ތައިލޭންޑަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި ތިބެވޭނީ 30 ދުވަހުގެ މުއްދަތަށް ކަމުގައި ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނުގައު ބުނެފިއެވެ.
2024ވަނަ އަހަރު ތައިލެންޑުން ތައާރަފުކުރި ވިސާ ނެތި 60 ދުވަހަށް މަޑު ކުރެވޭނެ އުސޫލު ވަރުގަދަކޮށް ބައެއް ގައުމުތަކަށް 15 ދުވަސް އަދި ބައެއް ގައުމުތަކަށް 30 ދުވަހަށް ވިސާއާ ނުލާ އެޤައުމުގައި ތިބެވޭ ގޮތަށް އެ ޤައުމުން ވަނީ ނިންމާފައެވެ. މިއީ ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާތީ އެ ޤައުމުން އެޅި ފިޔަވަޅެކެވެ. އެގޮތުން، 93 ޤައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު އެ ޤައުމުން 15 ދުވަހަށް ކުޑަކުރިއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުރުކުރުމަށް ނިންމައިފައެވެ. އެ ނިންމުމާއެކު ދިވެހިރާއްޖެ ހިމެނުނީ ވިސާއާ ނުލައި ތައިލޭންޑަށް ދަތުރުކޮށް 15 ދުވަހު ތިބެވޭ ގައުމުތަކުގެ ލިސްޓުގައެވެ.
ޖޫން 29 ގައި ދިވެހި ސަރުކާރުން ވަނީ ތައިލެންޑުން ދިވެހިންނަށް ދޭ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ދެވަޒީރުންގެ މަޝްވަރާތަކަށްފަހު، ޖުލައި 14 ގައި ތައިލޭންޑުން ވިސާ ޕޮލިސީ އަލުން މުރާޖާކޮށް އާންމުކުރި ނިންމުމުގައި ވަނީ ދިވެހިންނަށް ވިސާއާ ނުލައި ތައިލޭންޑުގައި ތިބެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައެވެ.









