އަންނަ ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ މުހިންމު މިޑްޓާމް އިންތިޚާބުން މަޖިލީހުގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީއަށް ލިބިއްޖެނަމަ، ބިލިއަނަރު އީލޮން މަސްކާއި ދެކޮޅަށް ވަރަށް ފުޅާކޮށް ރަސްމީ ތަހުގީގުތަކެއް ފަށަން ތައްޔާރުވަމުންދާކަން ހަބަރުތައް ބުނެފިއެވެ.
ޑިމޮކްރެޓުން ދެކޭގޮތުގައި މަސްކް ވަނީ ރިޕަބްލިކަން ޕާޓީއަށް 276 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ކެމްޕޭން ފަންޑު ދީގެން، ސަރުކާރުގެ ބޮޑެތި ކޮންޓްރެކްޓްތައް ހޯދުމަށާއި ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައެވެ.
މި ތަހުގީގުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ދަށުން މަސްކް ކުރިން ހިންގި 'ޑޯޖް' އިދާރާއިން ފެޑެރަލް ސަރުކާރުގެ 250,000 އަށްވުރެ ގިނަ މުވައްޒަފުން ކުއްލިއަކަށް ވަކިކުރި މައްސަލައަށެވެ. މީގެ އިތުރުން ސަރުކާރުގެ ސިއްރު ޑޭޓާތައް ހޯދާފައިވާ ކަމަށް ބުނާ މައްސަލައާއި، ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ޔޫކްރެއިން ސިފައިން ބޭނުންކުރަމުންދިޔަ 'ސްޓާލިންކް' އިންޓަނެޓްގެ ޚިދުމަތް މަސްކް ގަސްތުގައި މެދުކަނޑާލި ކަމަށް ބުނާ މައްސަލަވެސް ހައުސްގެ ކޮމިޓީތަކުން ބަލާނެއެވެ.
ޑިމޮކްރެޓިކް މަޖިލިސް މެންބަރުން ވިދާޅުވާ ގޮތުގައި، އެއްވެސް މީހަކަށް ސަރުކާރުގެ ބޮޑެތި ކޮންޓްރެކްޓްތައް ހިފައިގެން ހުރެ، ގައުމުގެ ސަލާމަތީ ކަންކަމާއި މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތެއް ނުދެވޭނެއެވެ.




