އަޒަރުބައިޖާނުގެ ސަރުކާރުން ސުކޫލުތަކުގައި ބުރުގާ އެޅުން ނުސީދާގޮތެއްގައި މަނާކުރުމާ ގުޅިގެން، ވެރިރަށް ބާކޫ އާއި އެކި ސިޓީތަކުގައި މުސްލިމް ދަރިވަރުންނާއި ބެލެނިވެރިން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.
"އަހަރެމެންގެ ހިޖާބަކީ ކުށެއް ނޫން" ކަމަށް ބުނެ ބޯޑުތައް ހިފައިގެން ތިބި ސުކޫލު ކުދިން ދަނީ އެމީހުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ގޮވާލަމުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމުގައި ދީނީ ކަމަކާ ގުޅިގެން ކުރިމަތިވި އެންމެ ބޮޑު ރައްޔިތުންގެ އިހުތިޖާޖެވެ.
މި މުޒާހަރާތައް ހުއްޓުވުމަށްޓަކައި އަޒަރުބައިޖާނުގެ ފުލުހުން ދަނީ ހާލަތާއި ނުބައްދަލު، ވަރަށް ހަރުކަށި، ބާރުގެ ބޭނުންކޮށް، ސުކޫލުތައް ކައިރިއަށް އެއްވި މީހުންގެ ތެރެއިން މަދުވެގެން 37 މީހަކު ހައްޔަރުކޮށްފައެވެ.
އަޒަރުބައިޖާން ސަރުކާރުން ބުނަނީ މުޒާހަރާގެ ބައިވެރިން ދަނީ އާންމު އިޖުތިމާއީ ނިޒާމު ހަލާކުކޮށް، ސުކޫލުތަކުގެ ކިޔަވައިދިނުމަށް ހުރަސްއަޅަމުން ކަމަށެވެ. ނަމަވެސް ބެލެނިވެރިން ބުނަނީ އެމީހުން ކުރަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި، ސަރުކާރުން އަނިޔާވެރިވަނީ ކަމަށެވެ.
އަޒަރުބައިޖާން ސަރުކާރުން ވަނީ މުޒާހަރާގެ މަންޒަރުތައް ފެތުރުން ހުއްޓުވުމަށްޓަކައި، ގައުމުގެ އެކި ސަރަހައްދުތަކުގައި އިންޓަނެޓްގެ ސްޕީޑް ދަށްކޮށްފައެވެ.




