އާރްއެލްޓީ އާއެކު ރަޝިއާ އަދި ސީއައިއެސް މާކެޓުގައި ރާއްޖެ ިޝްތިހާރު ކުރަން ސޮއި ކޮށްފި

ޢަބްދުﷲ ޖުނައިދު | 4 ގަޑިއިރު ކުރިން - 1 މޭ 2025 09:54
އާރް.އެލް.ޓީގެ ސީއީއޯ މުޙައްމަދު ޝާޒް ވަލީދު އާއި އެމް.އެމް.ޕީ.އާރް.ސީގެ އެމްޑީ އިބްރާހިމް ޝިއުރީ، އެމްއޯޔޫގައި ސޮއިކުރައްވަނީ / ފޮޓޯ: އެމް.އެމް.ޕީ.އާރް.ސީ
އާރް.އެލް.ޓީގެ ސީއީއޯ މުޙައްމަދު ޝާޒް ވަލީދު އާއި އެމް.އެމް.ޕީ.އާރް.ސީގެ އެމްޑީ އިބްރާހިމް ޝިއުރީ، އެމްއޯޔޫގައި ސޮއިކުރައްވަނީ / ފޮޓޯ: އެމް.އެމް.ޕީ.އާރް.ސީ
ޚުލާސާ

ރަޝިއާ އަދި އެގައުމުގެ ކައިރީގައި ތިބި ޤައުމުތައް ހިމެނޭ ސަރަޙައްދުގައި ރާއްޖެ ޕްރޮމޯޓްކޮށް ކުރިއެރުވުމަށް ރިސޯޓް ލައިފް ޓްރެވެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި.

ދުބާއީގައި ބޮޑު ފަތުރުވެރިކަމުގެ ފެއާ ކުރިޔަށްދާ މި ދަނޑިވަޅުގައި ރާއްޖޭގެ މި ސިނާޢަތު އިތުރަށް އިޝްތިހާރުކޮށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އަމާޒަށް ވާޞިލް ވުމަށް، އެކުންފުންޏާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އާރުކާޓީ ކަމަށްވާ ރިސޯޓް ލައިފް ޓްރެވަލް (އާރްއެލްޓީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ރަޝިޔާ އާއި އަދި ވަށައިގެންވާ (ސީއައިއެސް) ގެ ޓްރެވަލް މާކެޓްތަކުގައި ދިވެހިރާއްޖޭގެ ނަން ފަވާލައި ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމެވެ.

ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި އިޝްތިހާރު ކުރެވެންވީ ވަރަށް ނުކުރެވެއެވެ. ހާއްސަކޮށް މެދުއިރުމަތީގައާއި އެފްރިކާ ބައްރުގައި ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ދަށެވެ.

އާރް.އެލް.ޓީ އަކީ ރަޝިއާ އާއި އުޒްބަކިސްތާނާއި، އަޒަރްބައިޖާނާއި ބެލަރޫސް އާއި ޔުކްރޭނުގެ އިތުރުން، ކަޒަކިސްތާނާއި، ކިރްގިސްތާނާއި އަރްމޭނިއާ އަދި ތަޖިކިސްތާނާއި މޮލްޑޯވާ އާއި ތުރްކަމަނިސްތާން ހިމެނޭ ސަރަޙައްދު ނުވަތަ ސީއައިއެސް ގެ މާކެޓުގައި އެންމެ ފަރިތަ ރާއްޖޭގެ ނަން މަޝްހޫރު ކުންފުންޏެވެ. އެ ކުންފުނީގެ އިވެންޓުތަކެއް ހުސްވި މަހު ވެސް ސީއައިއެސް ސަރަޙައްދުގައި ކުރިޔަށް ދިޔައިރު އަބަދުވެސް އެކުންފުނީގެ އިވެންޓުތައް އެ ސަރަޙައްދުގައި ކުރިޔަށްދާތާ މިހާރު 4 އަހަރު ވެއްޖެއެވެ.

ދުބާއީގައި އިއްޔެ އޮތް އެމްއޯޔޫގައި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ އާއި އާރްއެލްޓީގެ ސީއީއޯ މުޙައްމަދު ޝާޒް ވަލީދު ސޮއިކުރެއްވިއިރު، މި އެއްބަސްވުމުގެ ދަށުން ރަޝިޔާ، ކަޒަކިސްތާން އަދި އުޒްބެކިސްތާން ފަދަ މުހިންމު މާކެޓްތައް ހިމެނޭ ސީއައިއެސް ސަރަޙައްދުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްވެ، ރާއްޖެއަށް އެސަރަޙައްދުން އަން ޓޫރިސްޓުންގެ ޢަދަދު އިތުރުވުމަކީ ޝައްކެއް ނެތް ކަމެކެވެ. ޚާއްޞަކޮށް މިފަހަކަށް އައިސް އެސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، މިފަދަ އެއްބަސްވުމެއް އާރްއެލްޓީއާ އެކު ހެދުމަކީ އެމްއެމްޕީއާރްސީން ނިންމެވި ވަރަށް މުހިންމު ނިންމެވުމެއްކަން ފާހަގަ ކުރެވެއެވެ.

2006 ވަނަ އަހަރު އުފެދުނު ރިސޯޓް ލައިފް ޓްރެވަލްއަކީ ސީއައިއެސް ސަރަޙައްދުގައި ވަރަށް ނުފޫޒު ގަދަ ކުންފުންޏެކެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ. "މި ޕާޓްނަރޝިޕްގެ ސަބަބުން ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މާކެޓުގައި ދިވެހިރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ. ޚާއްޞަކޮށް ރަޝިއާ ސަރަޙައްދުގައި.”

އާރްއެލްޓީއަކީ ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ އިތުރު 12 އަށް ވުރެ ގިނަ މަންޒިލަކަށް ފަތުފުވެރިން ފޮނުވާ ކުންފުންޏެކެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު އާރްއެލްޓީ ޑިޕެންޑް ވަނީ ރާއްޖޭގެ ޓޫރިޒަމަށް ނޫން ކަމުގައި ވިޔަސް، އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ޝާޒް ވަލީދު ވިދާޅުވީ، "މި އެއްބަސްވުމަކީ ސީއައިއެސް މާކެޓްގައި ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ކުރިއެރުވުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެއް ކަމަށާއި އެކަމުގެ ނަތިޖާ ވެސް އިރާދަކުރެއްވިއްޔާ އިތުރަށް ރަނގަޅުވެގެންދާނެ” އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%