ޣައްޒާގައި ފުށް ބަސްތާއެއް 500 ޑޮލަރަށް އަރައިފި

ޖަވާދު | 21 ގަޑިއިރު ކުރިން - 30 އޭޕްރިލް 2025 09:24
ޣައްޒާގެ ކުޑަކުދިން ކާއެއްޗެއްގެ އިންތިޒާރުގައި / ފޮޓޯ: ރޮއިޓާސް
ޣައްޒާގެ ކުޑަކުދިން ކާއެއްޗެއްގެ އިންތިޒާރުގައި / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ޣައްޒާގެ ގިނަ މީހުން މިހާރު ދިރިއުޅެނީ ދުވާލަކު އެއްފަހަރު ކައިގެން. އެ ވެސް ކުޑަ އެތިކޮޅެއް.

ޣައްޒައަށް އެއްވެސް އެހީއެއް ނުލިބޭތާ 50 ދުވަހަށް ވުރެ ގިނަ ދުވަސް ފަހުން ފުށް ބަސްތާއެއްގެ އަގު 500 ޑޮލަރަށް އުފުލިއްޖެ ކަމަށް އެކްޝަންއެއިޑްގެ މުވައްޒަފުންނާއި ބައިވެރިން އިއްޔެ ރިޕޯޓްކޮށްފި އެވެ.

މަހާއި މޭވާއާއި ބިސް އަދި ކިރު ފަދަ ކާބޯތަކެތި ހުސްވެ ބާޒާރުތަކުން ގަންނަން ނުލިބޭއިރު، ގަންނަން ބާކީ ހުރި މަދު ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަން އެހީދޭ ޖަމާއަތްތަކުން ފާހަގަ ކުރެއެވެ. އިސްރާއީލުގެ ޒައެނިސްޓުން ޣައްޒާއަށް ވަދެވޭނެ ހުރިހާ މަގުތަކެއް ބަންދުކޮށް ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އެހީތައް އެތެރެކުރުމަށް އިންކާރުކުރިތާ 50 ދުވަހަށް ވުރެ ގިނަ ދުވަސް މިހާރު ވެއްޖެއެވެ.

ޣައްޒާގެ ކުޑަކުދިން ކާއެއްޗެއްގެ އިންތިޒާރުގައި / ފޮޓޯ: ރޮއިޓާސް

މިއަދު ޣައްޒަގެ އަލް ބަލާހް އަވަށުގައި ފުށް ބަސްތާއެއްގެ އަގު 300 ޑޮލަރަށް އަރާއިރު ޣައްޒަގެ އުތުރުގައި އެ އަގު 500 ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކްޝަންއެއިޑް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގެ އެތެރޭގައި ކާބޯތަކެތި އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ދަނޑުތަކާއި ބިމާއި އިންފްރާސްޓްރަކްޗާ މުޅިން ހަލާކުވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ގިނަ މީހުން މިހާރު ދިރިއުޅެނީ ދުވާލަކު އެއްފަހަރު ކުޑަ އެތިކޮޅެއް ކައިގެންނެވެ، ޢާންމުކޮށް ކަން ލިބެނީ ވެސް ދަޅު ކާނާއެވެ. އަލްއައުދާ ހޮސްޕިޓަލުން ބުނާ ގޮތުގައި މާބަނޑު އަދި ގާތުން ކިރުދޭ އަންހެނުންނަށް ކާނާ ނުލިބޭތީ އުފަންވާ ދަރިންގެ ބަރުދަން ވެސް ވަރަށް. ބޮޑަށް ލުއިވާކަމަށެވެ.

ޣައްޒާއަށް މިހާރު ދިމާވެފައިވާ ހާލަތަކީ 18 މަހަށް ވުރެ ގިނަ ދުވަހުގެ ހަނގުރާމައިގެ އެންމެ ނާޒުކު ހާލަތެވެ.

ކާނާ ނުލިބެތާ ގިނަ ދުވަސް ވުމުގެ ސަބަބުން ޣައްޒާގެ ކުޑަކުއްޖަކު ހިކި އަނަރޫފަ ވެފައި

ކާބޯތަކެއްޗާއި ބޭހާއި އިންސާނީ އެހީ ހިފައިގެން ދިޔަ އެންމެ ޓްރަކަކަށް ވެސް ޣައްޒާއަށް ނުވަދެވޭތާ މިހާރު 50 ދުވަސް ވެއްޖެއެވެ. މިކަމުގެ ސަބަބުން ޣައްޒާ ވަނީ ފަހުގެ ތާރީހުގައި އެންމެ ބޮޑު އިންސާނީ މުސީބާތްތަކުގެ ތެރެއަށް ވެއްޓިފަ އެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އާބާދީއެއް މަޑުމަޑުން މަރުވަމުންދާތަން. ކާނާ ނުލިބުމުގެ ސަބަބުން މީހުން މަރުވަމުންދާތަން. ހަކުރުބަލީގެ މީހުންނާއި ކެންސަރު ބަލިމީހުންނާއި ދިގުމުއްދަތުގެ ބަލިތައް ޖެހިފައިވާ މީހުންގެ ފުރާނަ ގެއްލިގެންދަނީ ކޮންމެހެން ބޭނުންވާ ބޭސް ނުލިބިގެން." ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުންޏެވެ.

"ޣައްޒާއަށް އެއްވެސް އެހީއެއް ވެއްދުމަށް ދެކޮޅު ހަދައި، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަމަލު ކުރަމުންދަނީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާއި ފާޅުގައި ދެކޮޅު ހަދަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%