ޕާކިސްތާނުގެ ވައިގެ ސަރަހައްދު އިންޑިއާއަށް ބަންދުކޮށްފި

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 26 އޭޕްރިލް 2025 13:40
ޕާކިސްތާނުގެ ވައިގެ ސަރަހައްދު އިންޑިއާއަށް ބަންދުކުރުމާއި ގުޅިގެން އިންޑިއާއަށް މާލީ ބޮޑު ގެއްލުމެއް ލިބޭނެ.
ޕާކިސްތާނުގެ ވައިގެ ސަރަހައްދު އިންޑިއާއަށް ބަންދުކުރުމާއި ގުޅިގެން އިންޑިއާއަށް މާލީ ބޮޑު ގެއްލުމެއް ލިބޭނެ.
ޚުލާސާ

ކަޝްމީރުގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނުން އިންޑިއާއަށް ފިޔަވަޅު އެޅުމުގެ ގޮތުން ވައިގެ ސަރަހައްދު އިންޑިއާއަށް ބަންދުކޮށްފި. މީގެ ސަބަބުން އިންޑިއާއަށް 500މިލިއަން ޑޮލަރުގެ ގެއްލުންވާނެ.

ޕާކިސްތާނުން އިންޑިއާގެ އެއާލައިންތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ. މިއީ ކަޝްމީރުގެ ޕަހަލްގަމްއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާ އާއި ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. މި ހަމަލާގައި 26 މީހުން މަރުވެފައިވާއިރު، ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ތިން މީހެއްގެ ތެރެއިން ދެ މީހަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިއާގެ ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާއިރު، ޕާކިސްތާނުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި އިންޑިއާއިން އޮޕަރޭޓްކުރާ އެއާލައިންތަކާއި އެހެން ގައުމުތައް މެދުވެރިކޮށް އިންޑިއާއާއެކު ކުރާ ވިޔަފާރިތައް ހުއްޓާލުމަށް ނިންމާފައިވެއެވެ.

މީގެއިތުރުން، ޕާކިސްތާނުން ދޭ ދެކުނު އޭޝިއާގެ ޚާއްޞަ ވިސާ އިންޑިއާގެ ރައްޔިތުންނަށް ދިނުން ހުއްޓާލުމަށް ނިންމާފައިވުމާއި 1972 ގެ ސިމްލާ އެއްބަސްވުމަށް ޢަމަލުކުރުން މަޑުޖައްސާލުމަށްވެސް ނިންމާފައިވެއެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ސުލްހަވެރިކަމާއެކު ދެގައުމުގެ ދެމެދުގައިވާ ކޯޅުންތައް ހައްލުކޮށް ކަޝްމީރުގައި ކޮންޓްރޯލް ލައިނެއް ރަސްމީކޮށް ހެދުމެވެ.

އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން އެޅި މި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ އެއާލައިންތަކަށް މަހެއްގެ މައްޗަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން 2019 ވަނަ އަހަރު ހިނގި ޕުލްވަމާ ހަމަލާއާ ގުޅިގެންވެސް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، އިންޑިއާގެ އެއާލައިންތަކަށް 81 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިތުރަށް ޚަރަދުކުރަން ޖެހުނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%