ޣައްޒާއަށް އެއްވެސް ސާމާނެއް ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައިވާތާ އަށް ހަފުތާއަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ޣައްޒާއިން މިހާރު ވަނީ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ސާމާނު އެއްކޮށްހެން ހުސްވެ، ބަނޑުހައިހޫނުކަމުގެ ސަބަބުން 52 މީހުން މަރުވެފައެވެ.
އދ. ގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ޑަބްލިޔުއެފްޕީން ބުނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުން ދިޔުމުގެ ސަބަބުން، ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދުވަސްވަރު ޣައްޒާއަށް ވައްދާފައިވާ އެހީގެ ސާމާނު މިހާރު އެއްކޮށް ހުސްވެފައިވާ ކަމަށެވެ. ޣައްޒާއަށް ތަކެތި ވެއްދުން މަނާކުރިތާ އަށް ހަފުތާ ފާއިތުވެފައިވާ އިރު، އޭގެ ސަބަބުން ޣައްޒާގެ މިލިޔަނަކަށް ވުރެ ގިނަ ކުޑަކުދިން ދަނީ ބަނޑުހައިހޫނުކަމާއި ބަނޑަށް ޖެހުމާ ކުރިމަތިލަމުންނެވެ.
ޑަބްލިޔުއެފްޕީގެ މަންދޫބެއް ވިދާޅުވީ އެ އިދާރާއިން މީގެ ކުރިން ޣައްޒާގެ 400,000 އެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން ދިޔަ ކަމަށެވެ. ޣައްޒާގައި ޙަރަކާތްތެރިވާ ހުރިހާ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭ ގޮތަށް އެއް މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ޑަބްލިޔުއެފްޕީ މެދުވެރިކޮށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ ކާނާ އެއްކޮށްހެން ހުސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އދ. ގެ އިސްވެރިޔާ އެންތޯނިޔޯ ގުތޭޚޭޝްގެ ތަރުޖަމާނު ސްޓެފާން ދުޖަރިކް ވިދާޅުވީ ޔަހޫދީން ހުރަސްއެޅުމުގެ ސަބަބުން އެއްވެސް ސާމާނެއް ޣައްޒާއަށް ނުވެއްދޭތީ އެ ސަހަރުން ކާބޯތަކެއްޗާއި ފޭލިގެ ފަދަ ތަކެތި ހިމެނޭ ގޮތަށް ހުރިހާ އަސާސީ ސާމާނު ހުސްވެފައިވާ ކަމަށެވެ. ކުޑަކުދިން ބަނޑަށް ޖެހެމުންދާ ކަމަށާއި ބަލި މީހުންނަށް ފަރުވާ ނުދެވޭ ކަމަށާ، އޭގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންގެ ފުރާނަ ގެއްލެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.









