"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފިއެވެ. އިއްޔެއާއި ހަމަޔަށް ކުރިން ކަނޑައަޅާފައިވާ ސުންގަޑި މިހާރު ވަނީ މެއި 10 އާ ހަމައަށް އިތުރުކޮށްފައެވެ.
މި ނިންމުން ނިންމާފައިވަނީ މައުރަޒުގައި ބައިވެރިވުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވުމާއެކު، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށާއި، ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ ގޮތްތައް ހަމަޖައްސާފައިވެއެވެ. މީގެ ތެރޭގައި އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމާއި، މައުރަޒުގެ ޚާއްޞަ ވެބްސައިޓް www.expo.mv އިން ފޯމް ހުށަހެޅުމާއި، އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުން ހިމެނެއެވެ. އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުންނާއި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުންވެސް ފޯމް ބަލައިގަނެވޭނެ ކަމަށާއި، މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުޞަތު ދީފައިވާއިރު، ތަކެތި ބައިވެރި ކުރުމަށް އެއްވެސް އަގެއް ނެގުމެއް ނެތި ހިލޭ ބައިވެރިވެވޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ބޭއްވޭ މި މައުރަޒު އޮންނާނީ މެއި 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒު ކަމަށް ބެލެވެއެވެ.